ޚަބަރު

ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޙަރަކާތަށް އާޓިފިޝަލް ބީޗު ސަރަޙައްދު ހުސްކުރަނީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުޙަބާ ކިޔުމަށް ބާއްވާ ޚާއްސަ ހަރަކާތަށް އާޓިފިޝަލް ބީޗް ތެރޭގައި ޕާކުކޮށްފައިވާ އުޅަނދުތައް އެ ސަރަޙައްދުން ނެގުމަށް ޓްރެފިކް ފުލުހުންނަށް އަންގައިފިއެވެ.

މާދަމާ މެންދުރުފަހުގެ ވަގުތެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުޙަބާ ކިޔުމަށްޓަކާ އެމް.ޑީ.ޕީގެ ފަރާތުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެމަނިކުފާނަށް މަރުޙަބާ ކިޔުމުގެ ޙަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން، މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި މާދަމާ ހަވީރުގެ ވަގުތެއްގައި ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދެއްކެވުމަށްވެސް ހަމަޖެހިފައިވާއިރު، އާޓިފިޝަލް ބީޗުގައި ސްޓޭޖް ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.

މާދަމާ އޮންނަ މި ހަރަކާތައް އާޓިފިޝަލް ބީޗުގައި ޕާކުކޮށްފައިހުރި ވެހިކަލްތައް ވީއެންމެ އަވަހަކަށް ނެގުމަށް ޓްރެފިކް ފުލުހުން އަންގާފައިވާއިރު، އާޓިފިޝަލް ބީޗް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާތީ، އެތަނުގައި އުޅަނދުތައް ޕާކުނުކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ ތަކުރާރުކޮށް އަންގާފައެވެ.