ޚަބަރު

"އީސީގެ މުވައްޒަފުންނަށް ބިރުދެއްކުން ވަނީ އިތުރުވެފައި"


މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވި އިލެކްޝަންސް ކޮމިޝަނުގެ ބައެއް މުވައްޒަފުންނަށް ގުޅައި ބިރުދައްކާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވި އެކޮމިޝަނުގެ ވަގުތީ މުވައްޒަފުންނާއި، ބައެއް ދާއިމީ މުވައްޒަފުންނާއި ކޮމިޝަން މެންބަރުންގެ ޢާއިލާތަކުގެ މީހުންނަށް ތަފާތު ގޮތްގޮތަށް ބިރުދެއްކުން އިތުރުވެފައިވާ ކަމަށެވެ.

އީސީން ބުނީ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންނަށް އެކޮމިޝަނުގެ ނަމުގައި ގުޅައިގެން، އޭގެ ތެރެއިން ބައެއް މުވައްޒަފުން ކޮމިޝަނުގެ ޢިމާރާތް ކައިރިއަށާއި އެހެންތަންތަނަށް ގެންގޮސް، ކޮމިޝަނުގެ ނަމުގައި ސުވާލުކޮށް، ބިރުދައްކާ ހަދަމުން ގެންދާ ކަމަށެވެ.

"މިއީ ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު ކުރާ ކަމަކަށް ވިޔަސް، މިއީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރަސީއާ ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް ކުށްވެރި ކުރަމެވެ."

އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އީސީން ބުނީ އިންތިޚާބުގައި ވަގުތީ ގޮތުން މަސައްކަތް ކުރި އަދި ދާއިމީ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތެއް އޮޅުން ފިލުވަން ޖެހިއްޖެނަމަ، އެ ކޮމިޝަނުގެ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިނަކުން ނޫނީ ނުގުޅާނެ ކަމަށެވެ.

އީސީން ވަނީ އެފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ނުކުރުމަށާއި، ޤާނޫނުއަސާސީ ގެ 24ވަނަ މާއްދާއިން، އެ ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤަށް އަރައި ނުގަތުމަށް އިލްތިމާސް ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ ކަމަށް ކުރިން ވެސް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ.