ޚަބަރު

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 60 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި


ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 60 ސްކޮލަރޝިޕް ފުރުސަތު ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ ބަންގްލަދޭޝްގެ 128 މެޑިކަލް އަދި ޑެންޓަލް ޔުނިވަރސިޓީއަކުން އެމްބީބީއެސް ކިޔެވުމަށް 60 ސްކޮލަރޝިޕްގެ ފުރުޞަތު އަދި ބެޗްލާރސް އޮފް ޑެންޓަލް ސާރޖަރީ ހެދުމަށް 1 ފުރުސަތު ހުޅުވާލާފައިވެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ކޯސް ފީއާއި، ދެކޮޅު ޓިކެޓް އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރުން އަމިއްލައަށެވެ. ނަމަވެސް ޚަރަދުތައް ހަމަޖެއްސުމަށް ހަޔަރ އެޑިއުކޭޝަނުން ލޯނު އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ބަންގްލަދޭޝުން ހުޅުވާލާފައިވާ މި ސްކޮލަރޝިޕް ފުރުޞަތުތަކަކީ ސާކް ޤައުމުތަކަށް ޑިސްކައުންޓް ރޭޓެއްގައި ކޯސް ފީ ހަމަޖެހިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ދިވެހި ދަރިވަރުންނަށް މި ސްކޮލަރޝިޕްތަކުގެ ކޯސް ފީ ކުޑަވާނެއެވެ.

އެމްބީބީއެސް އަދި ބީޑީއެސް ސްކޮލަރޝިޕްތަކަށް ހުށަހަޅާ ދަރިވަރުން އޭލެވެލް ހަދާފައިވުން ލާޒިމްކުރާއިރު އޯލެވެލް އިމްތިހާނުން ކިޔަވަން ބޭނުންވާ ދާއިރާއަކާގުޅޭ، މަދުވެގެން 5 މާއްދާއިން ފާސްވާންޖެހެއެވެ. މި ސްކޮލާރޝިޕްތަކަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޕާސްޕޯޓް އަދި އައިޑީ ކާރޑްގެ ކޮޕީގެ އިތުރުން އެމްބީބީއެސް އަދި ބީޑީއެސް ކޯހަށް ޝަރުތު ހަމަވާކަމަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދީފައިވާ ލިޔުން އެޕްލިކޭޝަން ހުށަހަޅާއިރު އެ ޑިޕާޓްމެންޓަށް ހުށަހަޅަންޖެހޭނަކަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް ޝައުޤުވެރިވާ ދަރިވަރުން ނޮވެމްބަރ 5 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނެކަމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. މި ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވާނީ ބަންގްލަދޭޝްއިންނެވެ.