ޚަބަރު

އައްޑޫސިޓީން ގޯތި ދޫކުރުން ހުއްޓުވުމަށް ކައުންސިލުން ކޯޓަށް


އައްޑޫސިޓީއިން ކުލީބިމާއި، ގޯތި ދޫކުރުމަށް ހައުސިންގ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ޤާނޫނާ ޙިލާފަށް ކަމަށް ބުނެ، މިކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދި އައްޑޫ ސިޓީ ކައުންސިލުން ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫއިން ކުލީބިމާއި 400 ގޯތި ދޫކުރުމަށް ހައުސިންގ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނާ ޙިލާފަށް ކަމަށެވެ. އަދި ޤާނޫނާ ޙިލާފަށް މިނިސްޓްރީން ބިންތަށް ދޫކުރަމުގެ މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ކަންކަން ކުރިއަށްދަނިކޮށް ގޯތިދޫކުރުމުގެ ކަންކަން ކުރިއަށްގެންދަނީ ސުވާލުއުފެދޭގޮތަށްކަމަށް އައްޑޫސިޓީ ކައުންސިލުން ތުހުމަތުކުރެއެވެ. އައްޑޫސިޓީ ކައުންސިލުން ބުނީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަން ކުރިއަށް ގެންދަނީ ކޮން އުސޫލަކުންތޯ އަންގަވައިދިނުމަށް ހައުސިންގ މިނިސްޓްރީގައި އެދިފައިވާ ކަމަށާއި، ނަމަވެސް މިކަމަށް އަދި މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ އައްޑޫ ޑިޕާޓްމެންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި، އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ކުރިން ވިދާޅުވެފައިވަނީ އައްޑޫގެ ބިންތަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށާއި، އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނާވެސް ޙިލާފަށް ނޫން ކަމަށެވެ.

ހައުސިންގް މިނިސްޓްރީން ވަނީ އައްޑޫގެ 6 ރަށަކުން 450 ގޯތި ދޫކުރުމަށް އިއުލާން ކޮށްފައެވެ. މީގެ އިތުރުން ވިޔަފާރި ބޭނުމަށް އައްޑޫއިން ކުލީ ބިން ދޫކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.