ޚަބަރު

އިންޑޮނޭޝިޔާގައި 189 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓިއްޖެ


އިންޑޮނޭޝިޔާގެ ޖާވާގެ ރަށް ބޭރުން ކަނޑުގެ ސަރަޙައްދަށް، މަތިންދާބޯޓެއް ވެއްޓިއްޖެއެވެ. 189 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓު ވެއްޓިފައިވަނީ ކަނޑުގެ ސަރަޙައްދަށްކަމުން، ކަމާ ބެހޭ ފަރާތްތަކުން ލަފާކުރަނީ އެއްވެސް މީހަކު ސަލާމަތް ނުކުރެވޭނެކަމަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، ލަޔަން އެއާގެ އެ މަތިންދާބޯޓު ވެރިރަށް ޖަކާޓާއިން ނައްޓާލިތާ ތޭރަ މިނެޓަށްފަހު، އެ ބޯޓާ މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ.

ބޮއިންގް ސެވަން ތްރީ ސެވަން މެކްސް އެއިޓް މަރުކާގެ މި މަތިންދާބޯޓު ވެއްޓުނު މަންޒަރު ފެނުނީ ޖަކާޓާގެ ބަނދަރުން ނިކުންނަން ދިޔަ ޓަގު ބޯޓަކަށް ކަމަށެވެ. މަތިންދާބޯޓުގެ ގޮނޑި ފަދަ ބައެއް ތަކެތި މިހާރު ދަނީ ޖާވާގެ އައްސޭރިފަަށަށް ލައްގަމުންކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.