ޚަބަރު

ރައީސް ނަޝީދަށް އިއްވާފައިވާ ޙުކުމް ބާތިލުކުރުމަށް ހުށަހެޅި ޤަރާރު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އިލްތިމާސް ކުރުމަށް މަޖިލީހަށް ހުށައެޅި ޤަރާރު، މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ މަޖިލީހަށް ހުށަހެޅި ޤަރާރު މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 48 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މިޤަރާރާ ދެކޮޅަށް ވޯޓްދެއްވީ 4 މެމްބަރުންނެވެ. 5 މެމްބަރުން ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

މިޤަރާރަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގައި ވަނީ މިޤަރާރަށް 3 ގަޑިއިރުވަންދެން ބަހުސްކޮށްފައެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އިލްތިމާސް ކުރުމަށް މަޖިލީހަށް ހުށައެޅި ޤަރާރު ކޮމިޓީއަށް ފޮނުވާފައިވާއިރު، މިޙުކުމް މުރާޖަޢާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.