ޚަބަރު

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފި


ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ އިރު އޮއްސި ހަތަކުން ފެށިގެން ދަންވަރު އެކެއް ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލަށް ވައިޖެހޭނެއިރު އުތުރުގެ ހިސާބުތަކަށް 5 މޭލާއި 13 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ހަސަން ވިދާޅުވީ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށިގެންވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިރު މިފަދަ ހާދިސާއެއް އެ އިދާރާއަށް ރިޕޯޓްކޮށްފައި ނުވާކަމަށް ހިސާން ފާހަގަކުރެއްވިއެވެ.