ޚަބަރު

ފުރަތަމަ 6 މަސްދުވަހު މަސް އެސްޕޯޓްކުރި މިންވަރު ދަށްވެއްޖެ


2017 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު، މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި މިންވަރު ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެފައިވާ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖޭގެ އިޤްތިސާދަށް އައިސްފައިވާ ބަދަލާއި ގުޅޭ ރިޕޯޓަށް ބަލާއިރު، މިއަަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ ތިރީސް ހަހާސް އެއްސަތޭކަ ތިރީސް އަށް މެޓްރިކް ޓަނުގެ މަހެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި 40 ހާސް މެޓްރިކް ޓަނަށްވުރެ ގިނަ ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީއާއި ހަވާލާދީ ހަދާފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ 6 މަސްދުވަހު މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވަނީ ރޯދަމަހާއި ދިމާކޮށް މަސް ބޭނި މިންވަރު ދަށްވުމާއި ގުޅިގެންކަމަށެވެ.

މިއަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ ތެރެއިން 98 އިންސައްތަ ޙިއްސާކުރަނީ ރީނދޫ އުރަހަ ކަންނެއްޔާއި ކަޅުބިލަމަހެވެ. ދުނިޔޭގެ ބާޒާރަށް ބަލާއިރު މިއަަހަރު ފެށުނުއިރު ރީނދޫ އުރަހަ ކަންނެއްޏާއި ކަޅުބިލަމަސް ވިއްކާފައިވަނީ ކިލޯއެއް 95 ރުފިޔާއަށެވެ. ނަމަވެސް އަހަރުގެ މެދާއި ހަމައަށް އައިރު އަގުތައް ވަނީ ކިލޯއެއް 65 ރުފިޔާއަށް ދަށްވެފައެވެ.

ރާއްޖެއަށް ބަލާއިރު ޖުމްލަކޮށް މަސް ކިލޯއެއް ވިއްކާފައިވަނީ 18 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އަހަރުގެ ފުރަތަމަ 6 މަސްދުވަހު މަސްވެރިންގެ އަތުން މަސްގަނެފައިވާ މިންވަރުވެސް ވަނީ ދޭއް އިންސައްތަ ދަށަށްގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު މަސްވެރިންގެ އަތުން ޖުމްލަ ގަނެފައިވަނީ ސާޅިސްހާސް ހަތަރުސަތޭކަ އަށްޑިހަ އަށް މެޓްރިކް ޓަނުގެ މަހެވެ.