ޚަބަރު

އެންމެ ހިތްދަތިވާނީ މަޖިލިސް ދޫކޮށްލާ ދުވަހު - އިންތިޚާބީ ރައީސް


ރައްޔިތުން މަޖިލީހުގެ ގޮނޑި ދޫކޮށްލައްވަންޖެހޭ ދުވަހަކީ ޙަޔާތުގައި އަންނާނެ އެންމެ ހިތާމަވެރި އެއްދުވަހަށް ވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުން މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަންދޫބެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި މަޖިލީހުގެ ގޮނޑި ދޫކުރައްވާ ދުރަށް ވަޑައިގަންނަވަންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"
އެދުވަސް (މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ދުވަސް) ވެގެންދާނީ އަޅުގަނޑުގެ ޙަޔާތުގައި އެންމެ ހިތާމަކުރާނެ ދުވަހަށް."
އިބްރާހީމް މުޙައްމަދު ޞާލިޙް

އިންތިޚާބީ ރައީސް ވަނީ ރައްޔިރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 25 އަހަރު ޚިދުމަތްކުރައްވާފައެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ވަދެވަޑައިގަތީ 1994ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފާދިއްޕޮޅުގެ އެއްގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ.