ޚަބަރު

ހުވާކުރެއްވީ ޤާނޫނު އަސާސީއާ ޚިލާފަށޭ ބުނެވޭކަށް ބޭނުމެއްނޫން - އިންތިޚާބީ ރައީސް


ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށްބުނެ ސުވާލުއުފެއްދުމުގެ ޖާގަ ދެއްވަން ބޭނުންފުޅުނުވާ ކަމަށް އިންތިޚާބީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާ ކުރައްވާނެ ދުވަސް ކަނޑައެޅުއްވުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާ ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ވެވަޑައިގަންނަވަނީ އެންމެންނަށް އެއްބަސްވެވޭ ދުވަހެއްގައިކަމަށެވެ. ހުވާ ކުރަން ޖެހޭނީ ނޮވެމްބަރު 11 ގައިތޯ ނުވަތަ 17 ގައިތޯ ސުވާލު އުފައްދާއިރު އެމައްސަލާގައި އޮޅުން ފިލުވަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާ ފާހަގަކުރެއްވިއެވެ. ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު 11 ނޮވެމްބަރުގެ ފަހުން އިތުރަށް ވެރިކަމުގައި ހުންނެވީ ކޮން ދައުރެއްގެ ބައެއްގައިތޯވެސް ސާފު ކުރަން ޖެހޭކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

"އެއްވެސް ޒަމާނެއްގައި، އެއްވެސް ދުވަހެއްގައި މިފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ އަޅުގަނޑުކުރީ ގާނޫނުއަސާސީއާ ޚިލާފަށޭ ބުނާނެ ޖާގަ ދޭކަށް އަޅުގަނޑުގެ އަމިއްލަ ނަފްސަކަށް ޤަބޫލެއްނުކުރެވޭ. ޒަމާނެއްގެ ކޮޅުން، އެމައްސަލަ ދާންވާ ތަނަކަށް ގޮސް، އެޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ގޮތެއް ނިންމާތަން ދެކޭކަށް، އަޅުގަނޑު ހަމަގައިމުވެސް ނޭދެން،"

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަހަކާމެދު ބަހުސް އުފެދިފައިވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކާމިޔާބުކުރައްވައިގެން ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހު ކަމަށްވުމުންނެވެ.

2013ވަނަ އަހަރާހަމައަށް ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަމުން ގެންދެވީ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ.