ޚަބަރު

"އާރބަން އިނޮވޭޝަން ޗެލެންޖް"ގެ 1ވަނަ އަށް ޑިޖިޓަލް ޓައުން ހޯލް


އާރާސްތުކުރުމާއި ތަރައްޤީކުރުމުގެ ދާއިރާއިން ރާއްޖޭގައި ފުރަތަމަ ބޭއްވި "އާރބަން އިނޮވޭޓިވް ޗެލެންޖް" ނިންމައި ވަނައަށް ދިޔަ ފަރާތްތައް ހޮވައިފިއެވެ.

އާރބަން އިނޮވޭޝަން ޗެލެންޖަކީ އުރީދޫ މޯލްޑިވްސްއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، (ޔޫއެންޑީޕީ)އިން ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

މިއީ ހުޅުމާލެގައި ދިމާވާ އާންމު މައްސަލަތަކަށް ހައްލުހޯދައިދީ މިކަންކަމުގައި ޒުވާނުންގެ ޚިޔާލާއި ވިސްނުން ބޭނުންކޮށްގެން އުފެއްދުންތެރި ކަންކަން ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ޗެލެންޖެކެވެ.

ޖުމުލަ 3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޗެލެންޖުގައި ޢާންމު ތަންތަނަށް ކުނިއެޅުމާއި ދަތުރުފަތުރުގެ ނިޒާމާބެހޭ މައްސަލަތަކާއި ހުޅުމާލޭގައިހުރި ހުސް ސަރަޙައްދުތަކުގެ ބޭނުންކުރާނެ ގޮތްތަކާ ބެހޭގޮތުން ބައިވެރިންގެ ޚިޔާލު ހޯދިއެވެ.

ތާފާތު އުފެއްދުންތެރި ޚިޔާލުތައް ހުށަހެޅިއިރު މި ޗެލެންޖްގެ އެއްވަނަ ހޯދާފައިވަނީ "ޑިޖިޓަލް ޓައުން ހޯލް"އެއް ނުވަތަ ތަފާތު މަޝްރުޢުތަކަށް އެކިމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ އެޕްލިކޭޝަނެއް އުފެއްދުމަށް ހުށަހެޅި ޚިޔާލެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ޑިޖިޓަލް ޓައުންގެ ބައިވެރިން ބުނީ މިފަދަ އެޕްލިކޭޝަނެއްގެ ސަބަބުން އެކި ގޮތްގޮތުން މީހުންނަށް ފައިދާކުރާނެއެވެ. އެގޮތުން މަސައްކަތުގައި އަވަދިނެތި އުޅުމުގެސަބަބުން ވަގުތުނުވާ މީހުންނަށާއި ބަލިމީހުންނަށް އެއް މަންސައަކުން ކަންތައްތަކުގައި މަޝްވަރާކުރެވިގެން ދިއުމަކީ ލިބޭނެ ބޮޑު ފަސޭހައައެއް ކަމަށް އެބައިވެރިން ފާހަގަކުރިއެވެ.
އަޑު

މިޓީމުން ހުށަހެޅި ޚިޔާލު އިތުރަށް ތަރައްޤީކުރުމަށްޓަކައި ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސަތޭކަ ވިހި ހާސް ރުފިޔާ ހުށަހަޅާފައިވާއިރު މި ބައިވެރިންގެ ޚިޔާލު ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި އެޗްޑީސީގެ ދަށުން މަސައްކަތްކުރުމުގެ ފުރުސަތު މި ޓީމަށްވަނީ ލިބިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް، ނަޝީތު ޠާހާ ވިދާޅުވީ މިފަދަ ޗެލެންޖެއްގެ ސަބަބުން ރާއްޖޭގައި އުފެއްދުންތެރި އެތައްޒުވާނުން ތިބިކަން ހާމަވާކަމަށެވެ. މިއީ އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް ވަރަށް ބޭނުންތެރި ކޭމްޕެއް ކަމަށްވެސް ނަޝީތު ފާހަގަކުރެއްވިއެވެ.
އަޑު

ޔޫއެންޑީޕީން ކުރިއަށްގެންދިޔަ މިކޭމްޕްގައި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޝޯކޯ ނޯޑާ ބައިވެރިވެވަޑައިގެންފައިވެއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޝޯކޯ ނޯޑާ ވިދާޅުވީ މިފަދަ ކަންކަމުގައި ޒުވާނުން ބައިވެރިވުމަކީ އޭގެ ސަބަބުން މުޅި މުުޖުތަމަޢުއަށްވެސް ވަރަށް ފައިދާކުރާނެކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުގައި އަބަދުވެސް ޔޫއެންޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮކްޓޯބަރު 17 އިން 27 އަށް މި ޗެލެންޖު ކުރިއަށް ދިޔައިރު 36 ޒުވާނުން މި ކޭމްޕްގައި ބައިވެރިވެ ތާފަތު ޚިޔާލުތައް ހުށަހަޅާފައިވެއެވެ. ޔޫއެންޑީޕީން ބުނީ ކުރިއަށްއޮތް ތާނގައިވެސް ޒުވާނުންނާއި ގުޅުންހުރި މިފަަދަ ކޭމްޕްތައް ބާއްވާނެކަމަށެވެ.