އުރަމަތީގެ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން "ޕިންކް ރިބަން ރަން"ގެ ނަމުގައި ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުންނަ ކޮންމެ ރަށެއްގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.
ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހު ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާގޮތަށް ޢާންމުން އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް ތަފާތު ގިނަ ޙަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މިއަހަރު ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން މި މުނާސަބާ ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު ޕީއެސް އެމް ނިއުސްއާ ޙިއްސާކުރައްވަމުން އެ ސޮސައިޓީގެ ޗެއަރޕާސަން ޖުވޭރިޔާ ސަޢީދު ވިދާޅުވީ 2012 ވަނަ އަހަރު އެ ޖަމްޢިއްޔާ އުފެދުނުއިރާ އަޅާބަލާއިރު މިހާރު ޢާންމުންގެ މެދުގައި ކެންސަރު ބަޔަށް ހޭލުންތެރިކަން ފާހަގަކޮއްލެވޭ މިންވަރަށް އިތުރުވެފައިވާކަމަށެވެ.
އެގޮތުން އެ ޖަމްޢިއްޔާއިން ހިންގާ ކަންކަމަށް އަންނަ ޢާންމުންގެ ޢަދަދު ފަހަރަކަށްވުރެ ފަހަރެއް އިތުރުވުމަކީވެސް މިކަން ސާބިތުކޮއްދޭކަމެއްކަމަށް ޖުވޭރިޔާ ވިދާޅުވިއެވެ. "ޕިންކް ރިބަން ރަން"ގެ ނަމުގައި ރާއްޖޭގެ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުންނަ ކޮންމެ ރަށެއްގައި ކުރިއަށްގެންދިޔަ މިހަރަކާތަކީ ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނަކުން ބައްދަލުވެ މި ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ލިބިގެންދާކަން ޖުވޭރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
މިޙަރަކާތުގެ ތެރެއިން ޓީޝާޓު ވިއްކައިގެނާއި އެހެނިހެންގޮތްގޮތުން ލިބޭ ފައިސާ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. "ޕިންކް ރިބަން ރަން"ގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވެފައިވެއެވެ.
ކެންސަރު ބައްޔަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ ފަރުވާ ކުރެވޭ ބައްޔެއްކަމުން އެފަދަ ކަންކަމާއިމެދު ޢާއްމުން ހޭލުންތެރިކުރުވުން މުހިއްމުކަމަށް ކެންސަރ ސޮސައިޓީއޮފް މޯލްޑިވްސްއިން ފާހަގަކުރެއެވެ. އެގޮތުން މިފަދަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަ އަހަރު ބާއްވާން ނިންމާފައިވާކަން އެ ޖަމްޢިއްޔާއިން ވަނީ ހާމަކުރައްވާފައެވެ.