ޚަބަރު

އެމަރޖެންސީގައި ފަރުވާދޭނެ އެކަށީގެންވާ ނިޒާމެއް އައު ސަރުކާރުން ޤާއިމުކުރާނަން - ޑރ. ޝާހް


ރާއްޖޭގައި އެމެޖެންސީ ހާލަތުގައި ދެވޭ ފުރަތަމަ ފަރުވާގެ އެކަށީގެންވާ ނިޒާމެއް ޤާއިމްވެފައިނުވާކަމަށާއި، އައު ސަރުކާރުން އެފަދަ ހަރުދަނާ ނިޒާމެެއް ރާއްޖޭގައި ޤާއިމުކުރާނެކަމަށް ޓްރާންސްސިޝަން ކޮމިޓީގައި، ސިއްޙީ ދާއިރާގެ ކަންކަމުގައި ހަރަކާތްތެރިވާ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސޮސައިޓީ އޮފް ކްރިޓިކަލް ކެއަރ އެންޑް އެމަޖަންސީ މެޑިސިންގެ ފަރާތުން ކުރިޔަށް ގެންދިޔަ ކްރިޓިކޯން ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޓްރާންސްސިޝަން ކޮމިޓީގެ ސިއްޙީ ދާއިރާގެ ކަންކަމުގައި ހަރަކާތްތެރިވާ ޑރ. ޝާހު މާހިރު ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ މަރުޙަލާގެ ކަންކަމުގައި ސިއްޙީ ދައިރާގެ އެކި ފަރާތްތަކާ ބައްދަލުކޮށް ލިބުނު މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އެމަޖަންސީ ހާލަތުގައި ބަލިމީހުންނަށް ފުރަތަމަ ފަރުވާދެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމްވެފައިނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ ސިއްހީ ހިދުމަތްކުގެ ފެންވަރު ބަލަމުން މިދަނީ. ހިތާމަޔަކީ ޖަޒީރާ ޤައުމަކަށްވެހުރެ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މަތިންވިޔަސް، ކަނޑުމަގުން ވިޔަސް ބަލިމީހާ ގެންދިއުމަށް ޤާއިމްވެފައި އަދި ހުރީ ހަމައެކަނި އުޅަނދުތައް. އެއްގަމު މަގުންވެސް އެންބިއުލަން އެބަހުރި، އެކަމަކު މިއިން އެއްވެސް އެއްޗެއްގައި އެމެޖެންސީ ހާލަތުގައި ފުރާނައަށް ނުރައްކާވެފައިވާ ބަލިމީހާއަށް ދެވޭ ފުރަތަމަ ފަރުވާދޭނެ ތަމްރީން ލިބިފައިވާ ފަރާތްތަކެއް ނެތް. މިއީ ވަރަށް ދެރަކަމެއް. އެއީ މީހާގެ ފުރާނަ ސަލާމަތްކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނެ އެންމެ ފުރަތަމަ އޭނާއަށް ދެވޭ ހިދުމަތް. އެއީ ހޮސްޕިޓަލަށް ގެނެވެދެން ދެވޭ ހިދުމަތަކީ މީހާއަށް އެންމެ މުހިންމު ހިދުމަތައްވާތީ." ޑރ. ޝާހު ވިދާޅުވިއެވެ.

ޑރ. ޝާހު ވިދާޅުވީ އާ ސަރުކާރުން ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކްރިޓިކަލް ކެއަރ އަދި އިމަޖަންސީ މެޑިސިންގެ ނިޒާމު ހަރުދަނާކޮށް، ބަލިމީހުންނަށްދެވޭ ފަރުވާ މިހާރަށްވުރެ އިތުބާރުހުރި ޚިދުމަތަކަށް ހަދާނެކަމަށެވެ. މިގޮތުން ވަޔާއި، ކަނޑު އަދި އެއްގަމު މަގުން ބޭނުންކުރާ އެންބިއުލަންސްތަކުގައި ޓްރެއިނިން ލިބިފައިތިބި މީހުން ބައިތިއްބައި، ރާއްޖޭގެ ކްރިޓިކަލް ކެއަރ އަދި އެމަރޖަންސީ ސިއްހީ ހިދުމަތުގެ ފެންވަރު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރަގަނޅުކުރާނެކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.