ޚަބަރު

ސްރީލަންކާގެ ވެރިކަމަށް ބޮޑު ބަދަލެއް: ބޮޑުވަޒީރަކީ ކާކު ކަމާމެދު ސުވާލުތަކެއް!


ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާ އެގައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ މިވަނީ އައްޔަންކުރައްވާފައެވެ. ރާޖަޕަކްސަ ކުއްލިގޮތަކަށް ބޮޑުވަޒީރުކަމަށް އައްޔަންކުރީ ސިރިސޭނާ އާއި މިހާތަނަށް ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އާ ދެމެދު އުފެދިފައިވާ ޚިލާފްތައް އިތުރުވެ، ސަރުކާރު ހިންގަން ދަތިވާ ހިސާބަށް ކަންތައްތައް ދިޔުމުން ކަމަށް ސްރީލަންކާގެ މިޑިޔާ އިން ބުނެއެވެ.

2015 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ސިރިސޭނާ ކާމިޔާބު ކުރެއްވީ ރާޖަޕަކްސަގެ ސަރުކާރުގެ ސިއްހަތާބެހޭ ވަޒީރުކަމުގައި ހުންނަވައިގެން ފަރުދާގެ އަނެއް ފަރާތުން ރާޖަޕަކްސައާ ދެކޮޅަށް އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަސިންހައާ ގުޅި ކޯލިޝަނެއް އެކުލަވާލައްވައިގެންނެވެ. ރާޖަޕަކްސަގެ ސަރުކާރުގެ ސިއްޙަތާބެހޭ ވަޒީރުކަމުގައި ސިރިސޭނާ ހުންނަވައިގެން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ރާޖަޕަކްސައާ ދެކޮޅަށް ނިކުންނެވީ ރަނިލްއާ ގުޅިވަޑައިގެން އެންމެ ފަހު ވަގުތުގައި ކަމަށްވާތީ، ރާޖަޕަކްސައަށް ހައިރާންކަން ލިބިވަޑައިގެންނެވިއެވެ.

އަދި ރަނިލް އާއި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޕޯޓަރުންގެ އެހީގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ސްރީލަކްނާގެ ރިޔާސަތަށް 2015 ވަނަ އަހަރު ސިރިސޭނާ އިސްވެވަޑައިގެންނެވިއެވެ. އެއާއެކު ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ރަނިލް އިސްކުރެއްވިއެވެ.

އެހެންނަމަވެސް 2017 ވަނައަހަރު ސިރިސޭނާ އާއި ރަނިލްއާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދި ސިރިސޭނައާއި ރަނިލް ގުޅިގެން އުފައްދާފައިވާ ކޯލިޝަން ކަމަށްވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ ބައިވެރިންގެ މެދުގައި ބޮޑެތި މައްސަލަތައް ޖެހެންފެށިއެވެ. ކޯލިޝަންގައި މައްސަލަ ޖެހެންފެށީ ސިރިސޭނާގެ ވެރިކަމުގައި ސްރީލަންކާގެ އިގްތިސާދީ ހާލަތު ދަށަށްގޮސް ފައިސާގެ އަގުވެއްޓި ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން ކޮންޓްރޯލް ނުވުމުންނެވެ. އަދި ރާޖަޕަކްސަގެ ވެރިކަމުގައި ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ތަރައްގީގެ ދުވެލި ދަށަށްދިޔުމުން ރައްޔިތުންގެ ތާއީދުވެސް ސިރިސޭނާއާއި ރަނިލްގެ ކޯލިޝަން ސަރުކާރަށް ގެއްލެންފެށިއެވެ.

ނަތީޖާއެއްގެ ގޮތުން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ސިރިސޭނާ އާއި ރަނިލްގެ ކޯލިޝަން ބަލިވެ ރާޖަޕަކްސަގެ "ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕިޕީ)" ޕާޓީ ބޮޑު ތަފާތަކުން އެ އިންތިޚާބު ކާމިޔާބުކުރިއެވެ. ރާޖަޕަކްސަގެ ޕާޓީން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުން އިންތިޚާބު ނާކާމިޔާބުވީ ރަނިލްގެ ސަރުކާރުގެ ކޮރަޕްޝަނާއި ހިންގުމުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށް ސިރިސޭނާ ތުހުމަތުކުރެއްވިއެވެ. އަދި ރާޖަޕަކްސަގެ ސަރުކާރަށްވުރެވެސް ރަނިލްގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުކަމަށްވެސް ފާޅުކަން ބޮޑުގޮތެއްގައި ސިރިސޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށްފައިވަނީ ގާނޫނު އަސާސީއާ ޚިލާފަށްކަމަށް ސިފަކުރައްވައި އެ ކޯޓަށް ވަޑައިގަތުމަށް ރަނިލް ވަނީ ނިންމަވާފައެވެ. ބޮޑު ވަޒީރުކަމުން ދުރުކުރި މައްސަލާގައި ކޯފާވެވަޑައިގެން ރަނިލް ވިދާޅުވީ ރައީސް ސިރިސޭނާގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ފްރީޑަމް ޕާޓީ، ވެރިކަން ކުރާ ކޯލިޝަނުން ވަކިވި ނަމަވެސް 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އަޣްލަބިއްޔަތު އޮތީ ކޯލިޝަނަށް ކަމަށާއި، އެހެންކަމުން އޭނާ ނޫން ބޭފުޅަކު ބޮޑުވަޒީރުކަމަށް އައްޔަންކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.

ރަނިލްއަށް ތާއިދުކުރާ ސްރީލަންކާގެ ސިޔާސީ ފަރާތްތަކުން ވަނީ ބޮޑުވަޒީރުކަމުން ރަނިލް ވަކިކޮށް އެމަގާމަށް އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ އައްޔަންކުރުމަކީ ސިރިސޭނާ ހިންގެވި ޑިމޮކްރެސީއާ ޚިލާފު ބަޣާވާތުގެ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި 2015 ވަނަ އަހަރު ސްރީލަންކާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ދަށުން، ބޮޑުވަޒީރަކު މަގާމުން ދުރުކުރުމަކީ ރައީސަށް ކުރެއްވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުރެވުނަސް ކުރެވޭނީ ރައީސަށް ޕާލަމެންޓްގެ ފުރިހަމަ އަޣްލަބިއްޔަރު އޮތް ހާލަތެއްގައިކަމަށް ރަނިލްއަށް ތާއިދުކުރާ ފަރާތްތަކުން ބުނެއެވެ.

ސްރީލަންކާގެ ސަރުކާރަށް މި ގެނައި ބޮޑު އަދި ކުއްލި ބަދަލާއެކު ސިރިސޭނާ އާއި ރާޖަޕަކްސަ ގެންދަވަނީ ސްރީލަންކާގެ ޕާލަމެންޓްގައި ހިމެނޭ މުސްތަގިއްލު ފަރާތްތަކާ އަދި ކުދި ޕާޓީތަކާ ވާހަކަ ދައްކައިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމަށް މަސައްކަތްކުރައްވަމުންނެވެ. ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓްގެ ރުހުން ހޯދުމަށް ހުށަހެޅުމުގެ ކުރިން ސިރިސޭނާ އާއި ރާޖަޕަކްސަ ގުޅިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދޭނެ ކަމުގެ ޔަގީންކަން އެދެބޭފުޅުންނަށް އެބޮއޮތް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.