ޚަބަރު

މަންތާ އެއަރގެ ފުރަތަމަ އެއަރ ކްރާފްޓް އަންނަ މަހު ރާއްޖެ ގެންނަނީ


ރާއްޖޭގައި އަލަށް ފަށާ މަންތާ އެއަރގެ ދަތުރުތަކުގައި ބޭނުން ކުރާ ފުރަތަމަ މަތިންދާ ބޯޓު އަންނަ މަހު ރާއްޖެ ގެންނަން ހަމަޖެހިފައިވާކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

މަންތާ އެއަރގެ ދަތުރުތަކުގައި ބޭނުންކުރާ ފުރަތަމަ އެއަރ ކްރާފްޓުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެ އެއަރލައިނުގެ އެއަރ ކްރާފްޓުތައް އުފައްދަނީ ފަރަންސޭސި ވިލާތުގެ އެއަރ ކްރާފްޓް އުފައްދާ ކުންފުންޏެއްކަމަށްވާ އޭޓީއާރާއި ޙަވާލުކޮށްގެންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެއަރ ކްރާފްޓުތައް އުފައްދާފައިވަނީ ވަރަށް ބޮޑަށް ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ޖާގަ ތަނަވަސްވާނެ ގޮތަށް ބަލައިގެންކަމަށެވެ.

މަންތާ އެއަރގެ ފުރަތަމަ ބޯޓް އަންނަ މަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު, މަންތާ އެއަރގެ ދެވަނަ ބޯޓު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުމަށްވަނީ ހަމަޖެހިފައެވެ. ތިން އެއަރ ކްރާފްޓުގެ ފްލީޓާއެކު މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، އޭ.ޓީ.އާރް-72-600ގެ މި އެއަރ ކްރާފްޓްތަކަކީ 68 ސީޓާއި، 78 ސީޓާއި ދެމެދުގެ ޢަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަކަށެވެ.

މަންތާ އެއަރއިން މަޢުލޫމާތުދޭ ގޮތުގައި އެއަރލައިން އޮޕަރޭޓް ކުރާނީ ހަމައެކަނި އެތެރޭގެ އުދުހުންތަކަށެވެ. އެގޮތުން ފުރަތަމަ ތާވަލު ދަތުރުތައް ކުރާނީ ދ ކުޑަހުވަދުއާއި، ބ ދަރަވަންދުއާއި، ތ.ތިމަރަފުއްޓަށް ކަމަށް އެ އެއަރލައިނުން މަޢުލޫމާތުދެއެވެ. މަންތާ އެއަރލައިނުން ސީޕްލޭން ދަތުރުތައްވެސް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ އެއަރ ލައިން ހިންގާ ކުންފުނިން ބުނެއެވެ.

އެއަރ ލައިންގެ އޮޕަރޭޝަން ފެށުމަށްޓަކައި އުދުހުންތަކައް ބޭނުންވަ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް އެ އެއަރަލައިނުން ވަނީ ފަށާފައެވެ. އަދި އެއަރލައިނަށް ބޭނުންވާ ޕައިލެޓުނާއި، ކްރޫއިންނާއި، އިންޖިނިއަރުން ހޯދުމުގެ މަސައްކަތްވެސް އެ އެއަރލައިނުން ގެންދަނީ ކުރަމުންނެވެ. އެހެންނަމަވެސް އެއަރ ލައިނުގެ ދަތުރުތައް ރަސްމީކޮށް ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

މަންތާ އެއަރ އޮޕަރޭޓު ކުރަނީ ދިވެހި ކުންފުންޏެއްކަމަށްވާ ރިއޯލޯ އިންވެސްޓްމަންޓްސުންނެވެ. އެއަރ ލައިން އޮޕަރޭޓްކުރަން ބޭނުންވާ ހުއްދަތައް މިހާރު ނަގާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.