ޚަބަރު

އައި.ޔޫ.އެމްއިން މާސްޓާސް ފެންވަރުގެ އިތުރު ދެ ކޯހެއް ފަށަނީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްއިން އަންނަ ޖެނުއަރީމަހުގައި މާސްޓާސް ފެންވަރުގެ އިތުރު ދެ ކޯހެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެފިއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޒާ އައިޝަތު ޚަލީލާ ޢަބްދުލްސައްތާރު ވިދާޅުވީ ޔުނިވަރސިޓީގެ ކިޔެވުން ފުޅާކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެ ޔުނުވަރސިޓީގެ އަމާޒަކީ ފެންވަރު ރަނގަޅު ކޯސްތަކެއް ފަރުމާކޮށް ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޯށްދިނުންކަމަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން އަންނަ ޖެނުއަރީ މަހުގައި ކިޔަވުން ފެށޭއިރު ޢަރަބި ބަހުގެ ދާއިރާއިން މާސްޓާސް ލެވެލްގެ ދެ ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޚަލީލާ ވިދާޅުވިއެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ކޯސްތަކުގެ މުޤައްރަރު ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ޚަލީލާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ 2019 ޖެނުއަރީ އިންޓޭކްގެ 54 ކޯހަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ އަހަރުގެ ޖެނުއަރީމަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އަންނަ އަހަރު އެޔުނިވަރސިޓީން ފަށާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ، މާސްޓަރސްއާއި ބެޗްލާރސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިމެނެއެވެ. ކޯސްތަކުގެ ދާއިރާތަކުގެ ތެރޭގައި އެޑިއުކޭޝަން، ޝަރީޢާ އެންޑް ލޯ، ފިޤްހު، އިސްލާމިކް ފައިނޭންސްފަދަ ދާއިރާތައް ހިމެނެއެވެ.

އިސްލާމިކް ޔުނިވާސިޓީން ޖުމްލަ 56 ޕްރޮގްރާމެއް ކުރިއަށްގެންދާއިރު ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީ.އެޗް.ޑީ ލެވެލްގެ ކޯސްތައްވެސް އެ ޔުނިވަރސިޓީން ކުރިއަށްގެންދެއެވެ. މިކޯސްތަކަށް ފީ ދެއްކުމުގެ އިންތިޒާމްވެސް ލުއިފަސޭހަ ގޮތަކަށް ހަމަޖައްސާފައިވާކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.