ޚަބަރު

އެންޓި-ޑިފެކްޝަން ޤާނޫނު އުވާލަން މަޖިލީހަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން މެމްބަރުކަން ގެއްލޭގޮތަށް ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޕީޕީއެމުން ހުށަހަޅައި ފާސްކޮށްފައިވާ ޤާނޫނު އުވާލުމަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އެ ޤާނޫނު އުވާލުމަށް ރިޔާޒް ރަޝީދު ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިއްޔެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެންޓި-ޑިފެކްޝަން ޤާނޫނު އުވާލަން ހުށަހެޅުއްވީ އެއީ ޤާނޫނު އަސާސީއާ ތަޢާރަޒްވާ ގާނޫނެއްކަމަށް ޤަބޫލުކުރައްވާތީކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއިން މެންބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމެންބަރެއްގެ ދާއިރާ ތަމްސީލުކުރުމުގައި ޢަމަލުކުރަންވާނީ ޤައުމީ މަސްލަޙަތާއި، ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ކަމަށެވެ. ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ދައްކާ ވާހަކައަކުން، ނުވަތަ ވޯޓް ދޭގޮތަކުން އެމީހަކާމެދު ތަޙްޤީޤެއްކޮށް ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެކަމަށެވެ.

މި ބިލް އުވާލުމަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ހުށަހަޅުއްވާފައިވާއިރު، މި ބިލް ފާސްކުރުމަށް އޭނާ ވަނީ ވޯޓްދީފައެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެޤާނޫނަކީ ސައްޙަ ޤާނޫނެއްކަމަށް ކަނޑައަޅާފައެވެ.