ޚަބަރު

ޖުޑީޝަރީއަކީ "ޕަޕެޓެއް" ނޫންކަމަށް ބުނާ ޓުވީޓެއް އުއްތަމަ ފަނޑިޔާރު ރީޓްވީޓް ކުރައްވައިފި


ޖުޑީޝަރީއަކީ ބާރުގައި ތިބޭމީހުންގެ ޕަޕެޓެއް ނޫންކަމަށް ބުނާ ޓްވީޓެއް އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ރިޓްވީޓް ކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓުން ރީޓްވީޓް ކުރައްވާފައިވަނީ، އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިދާޅުވެފައިވާ ހާހަކައާ ގުޅޭގޮތުން އޭބީއޭ ޖާނަލްގައި ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބުނެފައިވަނީ، ޝަރުޢީ ދާރިއާއަކީ ބާރުގައިތިބޭ މީހުންގެ ޕަޕެޓެއް ނޫންކަމަށާއި، ދައުލަތުގެ އެހެން ސިޔާސީ ބާރުތަކުން ފަނޑިޔާރުން މިނިވަންވެ ތިބެންޖެހޭނެކަމަށެވެ. ކޯޓްތަކަކީ ސަރުކާރުގެ ނުފޫޒުތަކާއި، ބާރުން ރައްޔިތުންނަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދޭންޖެހޭ ތަނެއްކަމަށް އުއްތަމަ ފަނޑިޔާރު ރިޓްވީޓް ކުރެއްވި ލިޔުމުގައިވެއެވެ.

އުއްތަމަ ފަނޑިޔާރު މި ޓްވީޓް ރީޓްވީޓް ކުރައްވާފައި މިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ ސަރުކާރުގެ ނުފޫޒުން މިނިވަންވެއްޖެކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝުޢޫރު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އުއްތަމަ ފަނޑިޔާރުގެ މި ޓްވީޓާ ގުޅިގެން ގިނަބަޔަކު ވަނީ އުއްތަމަ ފަނޑިޔާރަށް ތައުރީފުކޮށް ޝުޢޫރު ފާޅުކޮށްފައެވެ.