ޚަބަރު

ހިމާޔަތްކޮށްފައިވާ ތަކެތި އެތެރެކޮށް ބޭރުކުރުމާގުޅޭގޮތުން ކަސްޓަމްސް މުވައްޒަފުންނަށް މައުލޫމާތުދީފި


ޙިމާޔަތްކޮށްފައިވާ އެކިކަހަލަ ގުދުރަތީ ބަވަތްތައް އިންޕޯޓްކުރުމާއި، އެކްސްޕޯޓް ކުރުމުގެ ޤާނޫނުތަކަށް ކަސްޓަމްސް އޮފިސަރު އަހުލުވެރިކުރުވުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ހިމާޔަތްކޮށްފައިވާ ދިރުންތައް އެއްޤައުމުން އަނެއްޤައުމަށް އެތެރެކޮށް ބޭރުކުރުވާ ގުޅޭގޮތުން ވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާ، ސައިޓީސް އާ ގުޅޭ މައުލޫމާތު ދިނުމަށް ބޭވި މި މަސައްކަތު ބައްދަލުވުމުގައި ސައިޓީސްގެ ދަށުން ޙިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ބާވަތްތައް ކިޔައިދިނުމާއި، މިތަކެތި އެއް ޤައުމުން އަނެއް ޤައުމަށް އުފުލޭނެ ޤަވައިދުތަކާއި، މިކަން ތަންފީޒް ކުރުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރާއި، ޒިންމާތައްވަނީ ކިޔައިދީފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކަސްޓަމްސްގެ 20 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުން ނިިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ މިގޮތަށް ޤާނޫނާއި ޚިލާފަށް އެއްޤައުމުން އަނެއް ޤައުމަށް އެތެރެކޮށް ބޭރުކުރުން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ކަސްޓަމްސް އޮފިސަރުންކަމަށެވެ. ރާއްޖޭގައިވެސް ގުދުރަތީ ގިނަ ބާވަތްތައް ޙިމާޔަތްކޮށްފައިވާއިރު، މި ތަކެތި ޤަވައިދާ ޚިލާފަށް އުފުލާނަމަ އެތަކެތި ނެތި ދިއުމަށް މަގުފަހިވެގެންދާކަމަށް ޒާހިރު ވިދާޅުވިއެވެ.

"ބޭރުން އަންނަ ބޮމެއް އެތެރެވުމުގައި އޮންނަ ބިރާ އެއްވަރުގެ ކަމެއް ރާޖެއިން ވެލިކޮޅެއް ބޭރުކުރަން އުޅުމަކީވެސް. ކިތަންމެ ކުޑަ އެއްޗެއް ބޭރުކުރަން އުޅުނަސް އެކަން ކަސްޓަމްސްއަށް އިނގެންޖެހޭ. އެހެންކަމުން އޮފިސަރުންނަށް ސައިޓީސްއާ ގުޅޭ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމަކީ ގުދުރަތީ ވަސީލަތްތައް ނެތިގެން ދިއުން ހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް." ޒާހިރު ވިދާޅުވިއެވެ.

ދުނިޔޭގެ 180 ޤައުމު ބައިވެރިވާ ސައިޓީސް އިފްތިތާޙްކޮށްފައިވަނީ 1975 ވަނައަރުއެވެ. އަދި ރާއްޖޭ މި މުއާހަދާގައި ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ.