ޚަބަރު

މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ތިނަދޫ ހޮސްޕިޓަލުން އެކްސްރޭ ނެގުމުގެ ޚިދުމަތް ދޭން ފަށައިފި


ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކުރާ އެކްސްރޭ މެޝިން މަރާމާތު ކުރުމަށްފަހު އެ ހޮސްޕިޓަލުން އެކްސްރޭ ދިނުމުގެ ޚިދުމަތް ދޭން އަނެއްކާވެސް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ދެމުން އަންނަ އެކްސްރޭގެ ޚިދުމަތް މެދުކެނޑުނީ އެ ހޮސްޕިޓަލުގައި ބޭނުންކުރަމުން އައި އެކްސްރޭ މެޝިނުގެ އެތެރޭގެ ބައެއް ހަލާކުވުމާ ގުޅިގެންނެވެ. އަލުން ޚިދުމަތް ދޭން ފެށީ ހަލާކުވި ބައި ގެނެސް މެޝިން މަރާމާތުކުރުމަށް ފަހުގައިކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް އޮފިސަރ ޝަހުޒާ ޙަސަން ވިދާޅުވީ މެޝިން ހެދުމަށްފަހު މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ޚިދުމަތް ދެމުން އަންނަނީ އެމަރޖެންސީ ޙާލަތްތަކުގައި ފަރުވާދޭންޖެހޭ ބަލިމީހުންނަށް ކަމަށާއި ޢާއްމުކޮށް ޚިދުމަތް ދޭން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މެޑިކަލް ހެއްދުން ފަދަ ޚިދުމަތްތައް ދޭން ފަށާނީވެސް ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން މެޑިކަލް އިކުއިޕްމެންޓްސް ގެންނަނީ އެސްޓީއޯ މެދުވެރިވެގެން ކަމަށްވުމުން އެ މެޝިނުގެ ހަލާކުވި ބައިވެސް ގެނެސްފައިވަނީ އެސްޓީއޯއާ ގުޅިގެންނެވެ.

ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ މަރުކަޒީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 200 އާ ގާތްކުރާ ޢަދަދަކަށް ބަލި މީހުން ކޮންމެ ދުވަހަކު ޚިދުމަތް ހޯދާއިރު އެކްސްރޭގެ ޚިދުމަތަކީ އެ ހޮސްޕިޓަލުން ދޭ އެންމެ މުހިއްމު އެއް ޚިދުމަތެވެ. މަހެއްހާ ދުވަސް ވަންދެން އެކްސްރޭ ނެގުމުގެ ޚިދުމަތް މެދުކެނޑުމަށްފަހު އަލުން ފެށުމުން ތިނަދޫ އާއި އަތޮޅުގެ ރައްޔިތުންނަށް ފަސޭހަ ވެގެން ދާނެ އެވެ.