ޚަބަރު

މެންބަރު ފަޒާދުގެ ގޮނޑި ގެއްލުނު ކަމަށް އެންގި ސިޓީ އިލެކްޝަނުން ބާތިލްކޮށްފި


ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުގެ މެންބަރުކަމުގެ ގޮނޑު ގެއްލިއްޖެ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީ ބާތިލް ކުރުމަށްފަހު އަލުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ، ޕީޕީއެމްއިން ފަޒާދު ވަކިކޮށްފައި ވަނީ އިޖުރާޢަތްތައް ފުރިހަމަ ނުކޮށް ކަމަށްބުނެ ފަޒާދުގެ ފަރާތުން އިލެކްޝަނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން ފަޒާދުގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށްބުނެ ރައްޔިތުން މަޖިލީހަށް ކުރިން އިލެކްޝަނުން ފޮނުވާފައިވާ ސިޓީ ބާތިލްކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޢަލީ ފަޒާދު ޕީޕީއެމްއިން ވަކި ކުރެއްވީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގައި ބައިވެނުވާތާވެސް އެތައް ދުވަހެއްވީ ފަހުންނެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ފަޒާދު ވަނީ އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރައްވާ އެމަނިކުފާނުގެ ކެމްޕެއިންގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ފަޒާދު ޕީޕީއެމްއިން ވަކި ކުރެއްވި އެ މައްސަލާގައެވެ.

ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްޙޫރިއްޔާ ތަސްދީޤް ކުރައްވާފައިވާ އެންޓި ޑިފެކްޝަން ޤާނޫނުގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރަކު ތަމްސީލް ކުރާ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފު ޢަމަލެއް ކޮށްފި ކަމަށްވާނަމަ އަދި އެ މައްސަލަ އެޕާޓީއަކުން ބެލުމަށްފަހު މެންބަރަކު ޕާޓީން ވަކި ކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލިގެންދާނެ ކަމަށެވެ.