ޚަބަރު

ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ، ގެއްލުން ބޮޑުވެއްޖެ


ބްރިޖްމަތީގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ލިބެމުންދާ ގެއްލުން ބޮޑުވަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ ކުރިއާ އަޅައި ބަލާއިރު ހިންގާ އެކްސިޑެންޓްތަކުގެ ޢަދަދު އިރުވެފައިވާކަމަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36 އެކްސިޑެންޓް ބުރިޖާއި، ބުރިޖާ ގުޅިފައިވާ ހައިވޭގައި ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންނަށް ރިޕޯޓް ނުކުރާ އެތައް އެކްސިޑެންޓްތައް ބުރިޖާއި، ހައިވޭމަތީގައި ހިނގާކަން ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖާއި ބުރިޖާ ގުޅިފައިވާ ހައިވޭ 24 ގަޑިއިރު މެދު ނުކެނޑި ފުލުހުން ޕެޓްރޯލް ކޮށް މޮނިޓަރ ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓުން ބުނީ ބުރިޖާއި، ހައިވޭގައި ހިނގާ އެކްސިޑެންޓްތަކުގެ ޢަދަދު އިތުރުވިނަމަވެސް އެ އިދާރާއިން އަންދާޒާކުރި ވަރަށްވުރެ އެކްސިޑެންޓްތައް މަދު ކަމަށެވެ. އަދި އާންމު ރައްޔިތުން ހޭލުންތެރިވެ، މިކަމަށް ދެމުންދާ އެއްބާރުލުންވެސް އިތުރުވެފައިވާކަމަށް މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

ބުރިޖާއި ހައިވޭ މަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މިހާރަށްވުރެ ބޮޑަށް އާންމުން ސަމާލުވުމަށާއި ފުލުހުންނަށް އެއްބާރުލުންދިނުމަށް ޓެރެފިކް ފޮލިހުން އިލްތިމާސް ކުރެއެވެ. އަދި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގިޔަ ނުދިނުމަށް ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތައި، ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވައި، ކަނޑައަޅެފައިވާ ލޭނުން ދުއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.