ޚަބަރު

ވިޔަފާރީގެ މިނިވަންކަން ގެއްލޭފަދަ އަމަލުތަކަށް ތާއީދެއް ނެތް- މަރކެލް


ވިޔަފާރީގެ މިނިވަންކަން ގެއްލޭފަދަ އަމަލުތަކަށް ދުނިޔޭގެ ގައުމުތަކުގެ ތާއީދު ނެތްކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އަމްގެލާ މަރކެލް ވިދާޅުވެއްޖެއެވެ.

ހުކުރުދުވަހު ބްރަސަލްސްގައި ބޭއްވި ވިލާތުގެ އިއްތިޙާދާއި ރަޝިޔާ އަދި އޭޝިޔާގެ 21 ޤައުމެއްގެ ލީޑަރުންގެ ސަމިޓްގެ ނިންމުންތަކާ ބެހޭގޮތުން ބަރލިންގައި ދެއްވި ބަޔާނެއްގައި މަރކެލް ވިދާޅުވީ، އެ ހުރިހާ ގައުމުތަކުންވެސް މިނިވަން ވިޔަފާރިއަށް ތާއީދުކުރާ ކަމަށާއި، ވިޔަފާރީގެ މިނިވަންކަން ގެއްލޭފަދަ އަމަލުތަކަށް ދެކޮޅުހަދާކަމަށެވެ. މިއީ އެމެރިކާއަށް އެތެރެކުރާ ބޭރު ގައުމުތަކުގެ މުދަލުން ޓެރިފް ނަގާވަރު އިތުރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް މަރކެލް ކުރެއްވި އިޝާރާތެކެވެ.

ހުކުރުދުވަހު ބްރަސަލްސްގައި ބޭއްވި ސަމިޓަކީ ވިލާތުގެ އިއްތިޙާދުން އިސްނަގައިގެން ބޭއްވި ސަމިޓެކެވެ. އެ ސަމިޓްގައި ޗައިނާ އާއި ރަޝިޔާ ގެ އިތުރުން އޭޝިޔާގެ 21 ޤައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ސަމިޓްގެ ބޭނުމަކީ އެމެރިކާއަށް އިންޕޯޓްކުރާ ބޭރު ޤައުމުތަކުގެ މުދަލުން ޓެރިފް ނަގާވަރު އިތުރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް ވަރލްޑް ޓްރޭޑް އޮގަނައިޒޭޝަންގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ޝަކުވާއަށް ޗައިނާ އާއި ރަޝިޔާގެ އިތުރުން އޭޝިޔާގެ ޤައުމުތަކުގެ ތާއީދު ހޯދުންކަމަށް ރިޕޯޓްތައް ބުނެއެވެ.