ޚަބަރު

އިސްރާއީލުން ފަލަސްތީނުގެ ޒުވާނަކު މަރާލައިފި


އިސްރާއީލުން ފަލަސްތީނުގެ ޒުވާނަކަށް ބަޑިން ހަމަލާދީ އޭނާ ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުގެ އިސްތިއްމާރީ ސިފައިން އޭނާގެ ގަޔަށް ބަޑިޖެހީ ހުޅަނގު އައްސޭރީގެ ޚަލީލު ޝަހަރުގައިވާ އިބްރާހީމްގެފާނުގެ ހަރަމްފުޅުގެ ކައިރީގައިކަމަށް، ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިސްރާއީލުން މިދިޔަ ހުކުރުދުވަހުވެސް ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނުގެ 138 މީހުންގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައިވާއިރު އިސްރާއީލުގެ ސިފައިން މިދިޔަ ހަފުތާގައި ހުޅަނގު އައްސޭރީގެ ގެތަކަށް ދަންވަރު ވަދެ ފަލަސްތީނުގެ އާއިލާތަކަށް ބިރުދައްކައި ފަލަސްތީނުގެ ޒުވާނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 22 މީހުން ހައްޔަރުކޮށްފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އަނިޔާތަކާއި މީހުން މެރުމުގެ ޢަމަލުތައް ހައްދުފަހަނަޅާދާތީ ފަލަސްތީނުގެ ސަރުކާރުންވަނީ ފަލަސްތީނުގެ އާންމުންނަށް ބައިނަލްއަޤުވާމީ ހިމާޔަތް ދިނުމަށް އެދި އދއަށް ހުށަހަޅާފައެވެ.