ޚަބަރު

ބުރިޖް ސަރަޙައްދު ސާފުކުރަމުން ދަނީ ޝެޑިއުލާ އެއްގޮތަށް- ކޮންޓްރެކްޓަރ


ބުރިޖް އެޅުމަށްޓަކައި ވަގުތީގޮތުންއެޅި ޕްލެޓްފޯމު ނެގުމުގެ މަސައްކަތާއި އެސަރަޙައްދުގެ މޫދު ސާފުކުރުުމުގެ މަސައްކަތްތައް ޝެޑިއުލްކުރެވިފައިވާ ގޮތަށް ކުރިއަށްދާކަމަށް ބުރިޖްގެ ކޮންޓްރެކްޓަރ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއިން ބުނެފިއެވެ.

ބުރިޖްގެ ސަރަޙައްދުގައި ޖަހާފައިވާ ދަނގަޑުތައް ސާފުކުރުމާއި ގުޅޭގޮތުން ސީސީސީސީ ކުންފުނިން ބުނީ ބުރިޖް ޢާއްމު ދަތުރުތަކަށް ހުޅުވާލި ނަމަވެސް ބްރިޖް ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތްތައް ކުރަމުންގެންދަނީ އެކަމަށް ކަނޑައަޅާފައިވާ ޕްލޭނާއި ޝެޑިއުލާއި އެއްގޮތަށްކަމަށެވެ.

އެގޮތުން ޕްލެޓްފޯމް ހެދުމަށް ޖަހާފައިވާ ދަގަނޑު ހޮޅިތަކުން ގިނަ ހޮޅިތަކެއް ނަގާފައިވާއިރު، މި މަސައްކަތް އެއްކޮށް ނިމެން އަންނަނީ ފްލެޓްޕޯމް ހުރި ފަޅިން ބްރިޖްގެ ލޭން ބަންދުކޮށްގެންކަމަށެވެ. އަދި ލޭން ބަންދުކުރުމަށްޓަކައި ހުއްދަ ނެގުމަށް ހުށައަޅާފައިވާކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ކަނޑު އަޑިއަށް ޖަހާފައިވާ ހޮޅިތައް ނެގުމުގެ މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސީސީސީސީން ބުނެފައިވަނީ ދަގަނޑު ހޮޅިތައް ޖެހުމަށް ކުރި މަސައްކަތަށްވުރެ ހޮޅިތައް ނެގުމަކީ ބުރަ މަސައްކަތެއްކަމަށެވެ. އެގޮތުން މައި ހޮޅިތަކުގެ ވަށަމިނުގައި 3.6 މީޓަރު ހުންނައިރު ދިގުމިނުގައި 50 މީޓަރު ހުންނަކަމަށް ބްރިޖްގެ ކޮންޓްރެކްޓަރ މަޢުލޫމާތުދެއެވެ. އަދި ކަނޑުގެ އޮއިވަރަށްވެސް ބެލުމަށް ފަހުކަމަށް އެ ކުންފުނިން ބުނެއެވެ.

ބުރިޖް ހެދުމަށް ހުޅުމާލޭ ފަޅިން ޖަހާފައިވާ ގިނަ ދަގަނޑު ހޮޅިތައް މިހާރު ނަގާފައިވާއިރު، މާލެއާއާއި ވީ ދިމާލުން 61 ދަގަނޑު ހޮޅި އަދި ނަގަންޖެހޭކަމަށް ސީސީސީސީން ބުނެއެވެ.

އެ ކުންފުނިން ބުނެފައިވަނީ ކަނޑުމަތީގައި މިފަދަ މަސައްކަތްކުރާއިރު، މޫދަށް މަސައްކަތްކުރާ ސާމާނު އެޅޭނެކަމަށެވެ. ނަމަވެސް ސާފުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު ބްރިޖާއި ރާޅާއަޅާ ސަރަޙައްދުގެ މޫދަށް އެޅިފައިވާ ތަކެތިވެސް ނަގާ ސާފުކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

100 އަހަރަށް ބޭނުންކުރެވޭ ގޮތަށް އަޅާފައިވާ ބުރިޖްގެ މެއިންޓަނަންސް، ދެ އަހަރުދުވަހަށް ބަލަހައްޓާނީ ބުރިޖް އެޅި ކުންފުނިންނެވެ.