ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައެއް ދާއިރާތަކަށް ގޮނޑި އިތުރުވުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަމަށް އަދި ވަކިގޮތެއް ކަނޑަ އަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މާލެ ދާއިރާއަށް ދެ ގޮނޑި އިތުރު ކުރުމާމެދުވެސް އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބާއި ކުރިއަށް އޮތް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ، 2019 ވަނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބޭއްވުމަށް ރާވާފައިވާ ރައްޔިތުންގެ މަޖިީހުގެ އާންމު އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެއްމެ ފުރަތަމަވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމާގުޅޭގޮތުން ލިބެމުންދާ ޝަކުވާތަކުގެ އަލީގައި ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ޝަރީފް ވިދާޅުވީ މި ބަދަލުތަކާއެކު ބައެއް ދާއިރާތަކުގެ ނަންތަކަށް ބަދަލު އަންނާނެ ކަމަށް ދެކެވުނުނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ ޕްލޭނިންގ ސެކްޝަނުން ހުށަހަޅާފައިވާ އާބާދީއަށް ބެލުމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދާއިރާތަކުގެ ނަމަށް އެއްވެސް ބަދަލެއް ނާންނާނެކަން މިހާރު ކަށަވަރު ކުރެވިފައިވާކަމަށެވެ.
ޝަރީފް ވިދާޅުވީ އާބާދީއަށް އަންނަ ބަދަލާ ގުޅިގެން ބައެއް ދާއިރާތަކަށް ގޮނޑި އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން އާބާދީއަށް ބަލާއިރު މާލޭ ދާއިރާއަށްވެސް ދެ ގޮނޑި އިތުރުވުމުގެ ފުރުޞަތު އޮތް ކަން ޝަރީފް ފާހަގަކުރެއްވިއެވެ. ނަމަވެސް މާލެ ދާއިރާއަށް ދެ ގޮނޑި އިތުރު ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ރަސްމީ ކޮށް އަދި ހާމަކޮށްފައިނުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ދާއިރާތައް ކަނޑައެޅުމަށް ވަކި ބައެއްގެ ޙިޔާލު ހޯދަން އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމް ނުކުރާ ކަމަށާ، އެހެން ނަމަވެސް މާލެއަށް މިހާރު ކަނޑައެޅިފައިވާ 13 ދާއިރާގެ އާބާދީއަށް ބަލައިގެން، ގޮނޑި އިތުރު ކުރުމާ ގުޅޭ ގޮތުން ރިޔާސީ އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެ ފަހުންވެސް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތައް ކޮށްފައިވާނީ މިކަމުގައި އެންމެ މަސްލަހަތު ހިމެނޭ ބޭފުޅުންނާ އެކުގައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އާބާދީއަށް ބަދަލުއައުމާ ގުޅިގެން ގޮނޑި އިތުރުކުރަންޖެހޭ ދާއިރާތަކާމެދު އަދި އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ. ނަމަވެސް މިކަމާމެދު ކޮމިޝަނުގެ މެންބަރުންގެމެދުގައި މަޝްވަރާކުރުމަށްފަހު ރައްޔިތުންނަށް އެކަން ހާމަކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.