ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންއާއި އދ. މާމިނގިލީ ކޯޓުގެ އިސް ގާޒީ މުޙައްމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލި ފަސް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބާތިލްކަމަށް ކަނޑައެޅީ ކުރީގެ ޕީޖީ މުހުތާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ވަކި އަސްލެއް އޮތް އެއްޗެއް ޞައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ޞައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ.
މީގެ އިތުރުން އދ. މާމިނގިލީ ކޯޓުގެ އިސް ގާޒީ ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާގެ ތެރެއިން ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާއި އަސްލެއް ނެތް އެއްޗެއް ޞައްހަ ކަމަށް ދެއްކުމަށް އޭނާ ލިޔުމެއް އުފެއްދުމުގެ ދައުވާވެސް ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ނިހާން އާއި މުހުތާޒު މުހުސިންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފް އަޑުއެހުމުގައި މި ދައުވާތައް ބާތިލްކުރި ނަމަވެސް މިދެބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލި ނިރުބަވެރިކަމުގެ ދައުވާ ސާބިތުވެ، ދެބޭފުޅުންވެސް ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މުހުތާޒާއި ނިހާނުގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހައްޔަރުކުރުމަށް ޞައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ.