ޚަބަރު

ދަ ގްރޭޓް އެޗް.އާރު ބެސްޓް ޕްރެކްޓިސް ޝެއާރގެ ދެވަނަ ސީރީޒް ބާއްވަނީ


ދަ ގްރޭޓް އެޗް.އާރު ބެސްޓް ޕްރެކްޓިސް ޝެއާރގެ ދެވަނަ ސީރީޒް މިމަހު 27 ވަނަ ދުވަހު އޮންނާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، އެމް.އޭ.އެޗް.އާރު.ޕީން ބުނެފިއެވެ.

މިއީ އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެގެން އެ ކުންފުނިތަކުން ނުވަތަ ޖަމުޢިއްޔާތަކުން ގެންގުޅޭ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ އުސޫލުތައް އެހެން ކުންފުނިތަކާއި ހިއްސާކުރުމަށް ބާއްވާ ޢިލްމީ ފޯރަމްއެކެވެ.

ޤައުމީ ޔުނިވާރސިޓީގައި ބާއްވާ މިފޯރަމްގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވާއިރު، އޭގެ ތެރޭގައި ދިރާގު އަދި ބެންކް އޮފް މޯލްޑިވްސް ހިމެނެއެވެ.

އެމް.އޭ.އެޗް.އާރު.ޕީން ބުނީ މިފޯރަމްގެ ސަބަބުން ހިއުމަން ރިސޯސް ދާއިރާއަށް ރާއްޖޭގެ ވިޔަފާރިވެރިން ހޭލުންތެރިކުރުވައި މިދާއިރާ ކުރިއެރުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މުސްތަޤްބަލުގައި ހުނަރުވެރި ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރުމަށް މި ފޯރަމް ބޮޑު ރޯލެއް އަދާކުރާނެކަމަށްވެސް އެމް.އޭ.އެޗް.އާރު.ޕީން ބުނެއެވެ.

އެމް.އޭ.އެޗް.އާރު.ޕީ އަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޖަމުޢިއްޔާއެވެ. އެޖަމްޢިއްޔާއިން ދަނީ ދަނީ އެޗް.އާރު ދާއިރާއިން ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ސިލްސިލާކޮށް އެކި ވޯރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ.