ޚަބަރު

1988ގެ ނިއުކްލިޔަރ މުއާހަދާއިން ވަކިވުމަށް އެމެރިކާއިން ނިންމައިފި


ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވާލީ ނިއުކްލިޔަރ ހަތިޔާރާ ބެހޭ މުހިއްމު މުއާހަދާއަކުން އެމެރިކާ ވަކިކުރާނެ ކަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.

1988 ވަނަ އަހަރު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ތަސްދީޤުކުރި އެ މުއާހަދާއަކީ އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަން އާއި ކުރީގެ ރޫސީވިލާތުގެ ލީޑަރުން މިޚައިލް ގަރްބަޗެވްއާ ދެމެދު ކުރެއްވި މަޝްވަރާތަކަށްފަހު އެކުލަވާލި މުޢާހަދާއެކެވެ. އެ މުޢާހަދާގައި ގޮވާލަނީ ދެ ޤައުމުގެ މިލްކިއްޔާތުގައި ހުރި ކުރު ރާސްތާ އަދި މެދު ރާސްތާ ނިއުކްލިޔަރ މިސައިލްތައް ނައްތާލުމަށެވެ.

އެމެރިކާގެ ނެވާޑާގައި ހުންނަވައި މި މުޢާހަދާއާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ރަޝިޔާއިން މިމުޢާހަދާއަށް ޢަމަލުކޮށްފައި ނުވާކަމަށާއި އެހެން ކަމުން އެމެރިކާއިން މި މުއާހަދާއިން ވަކިވެ، އާ މުއާހަދާ އުވާލާނެ ކަމަށެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި ރަޝިޔާއިން ވަނީ މި މުއާހަދާއާ ޚިލާފަށް ނިއުކްލިޔަރ ހަމަލާތައް ދެވޭނެ ފަދަ މިސައިލްތައް އުފައްދާފައެވެ. އަދި މި މިސައިލްތަކަކީ ވިލާތުގެ ކޮންމެ އަމާޒަކަށް ވެސް ހަމަލާ ދިނުމުގެ ޤާބިލިއްޔަތު ލިބިފައިވާ މިސައިލްތަކެއް ކަމަށް ވެސް އެމެރިކާއިން ތުހުމަތުކުރެއެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާ އާއި ޗައިނާއިން މި ފަދަ ހަތިޔާރު އުފެއްދުން ނުހައްޓާނަމަ އެމެރިކާއިން ވެސް މި ފަދަ ހަތިޔާރު އުފައްދާނެކަމަށެވެ. ޗައިނާއަކީ މި މުޢާހަދާގެ ބައިވެރިއެއް ނޫނެވެ.