ޚަބަރު

ބ ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަހަރު 8 ޓީމް


ބ އަތޮޅުގެ ރަށްތަކައް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މިއަހަރު 8 ޓީމަކުން ބައިވެރިވެފައިވާކަމަށް މުބާރާތް އިންތިޒާމު ކުރާ ދޮންފަނު ޒުވާނުންގެ ރޫޙުން ބުނެފިއެވެ.

"ދޮންފަނު އިންވިޓޭޝަން ކަޕް"ގެ ނަމުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިމުބާރާތަކީ 23 އަހަރުން ދަށުގެ ޓީމުތަކަށް ޚާއްޞަކޮށްގެން، ބ އަތޮޅުގެ ހުރިހައި ރަށްތަކުގެ ޓީމުތަކައް ބައިވެރިވެވޭގޮތައް ކުރިޔަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 11 ގެ ނިޔަލަށް ހަމަވެފައިވާއިރު،8 ޓީމަކުން ބައިވެރިވެފައިވާކަމަށް ދޮންފަނު ޒުވާނުންގެ ރޫޙުން ބުނެއެވެ. އެއީ، އެންމެ ފަހުގެ ޗެމްޕިއަން ގޮއިދުއާއި، އެންމެ ފަހުގެ ރަނަރ-އަޕް އޭދަފުއްޓާއި، މުބާރާތް ބާއްވާ ދޮންފަނާއި، ދަރަވަންދޫގެ އިތުރުން ކިހާދޫއެވެ. މިއަހަރު އަލަށް ބައިވެރިވީ މާޅޮހާއި ކުޑަރިކިއްޔާއި ކަމަދޫގެ ޓީމްތައް ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މިއަހަރުގެ މުބާރާތުގެ ކުޅުން އަންނަ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، މިހާރު ކުރިއަށްދަނީ، ސްޕޮންސަރ ހޯދުމާ މުބާރާތުގައި ރެފްރީންގެ ގޮތުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގެ މަސައްކަތްކަމަށް ދޮންފަނު ޒުވާނުންގެ ރޫޙުން ބުނެއެވެ.

ދޮންފަނު ޒުވާނުންގެ ރޫޙުން ބުނީ މިދިޔަ އަހަރު މިމުބާރާތުގައި ބައިވެރިވީ 5 ޓީމުކަމަށާއި، މިއަހަރު އިތުރު ތިން ޓީމު ބައިވެރިވުމުން ދައްކުވައިދެނީ މި މުބާރާތާމެދު އަތޮޅުތެރޭގައި އޮތް އިތުބާރާ، ޒުވާން ކުޅުންތެރިން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ދޮންފަނު ޒުވާނުންގެ ރޫޙުން ބުނެއެވެ.

ޒުވާން ކުޅުންތެރިން ބިނާކޮށް، ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުމާ، ބ.އަަތޮޅުގައި ތިބި ފުޓްބޯޅަ ކުޅުންތެރިން އެއްމާޙައުލަކުން ބައްދަލުކޮށްލުމުގެ މަޤްސަދުގައި މި މުބާރާތް ބާއްވަމުން އަންނަތާ މިއީ ތިންވަނަ އަހަރެވެ.