2017 ވަނަ އަހަރުގެ ސާނަވީ އާއި މަތީސާނަވީން އެންމެ ރަނގަޅު ނަތީޖާ ހޯދި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް އެކަމުގެ އަގުވަޒަންކޮށް އިނާމް ހަވާލްކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެކި ރޮނގު ރޮނގުން ފާހަގަ ކޮށްލެވޭ ދަރިވަރުންނަށް އިނާމްދީފައިވެއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އޮސްޓްރޭލިއާ އެވޯޑްސް ސައުތު އެންޑް ވެސްޓް އޭޝިއާ ޕްރޮގްރާމްގެ އެކްސްޓާރނަލް ރިލޭޝަންސް އެޑްވައިޒަރ ޑރ.އިބްރާހިމް ހަސަންއެވެ. އޭނާއަކީ ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސާނަވީ އާއި މަތީސާނަވީ، މި ދެބައިންވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެ ދަރިވަރަކު ހޮވާފައި ވެއެވެ. މީގެ އިތުރުން ގްރޭޑް އަށަކުން ފެށިގެން ގްރޭޑް ބާރައިގެ ކްލާސްތަކުން އެކި މާއްދާތަކުން ރަނގަޅު މާކްސް ހޯދި ދަރިވަރުންނަށް ސަބްޖެކްޓް ޕްރައިޒްއާއި، ކްލާސް ޕްރައިޒް އަދި ސްޕެޝަލް އެވޯޑް ދީފައިވެއެވެ.
ނިމިދިޔަ 2017ވަނަ އަހަރުގެެ ސާނަވީ އިމްތިޙާނުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ގިނަ ޢަދަދެއްގެ ދަރިވަރުން، އެންމެމަތީ ދަރަޖައިން ފާސްވެފައިވާއިރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަވެސް ވަނީ 97.3އަށް މަތިވެފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ކާމިޔާބީ ހޯދަން ބޭނުންވާނަމަ ދަރިވަރުންގެ ޢަމަލުތަކާއި ދައްކާ ވާހަކާގައި ހޭދަކުރާ ވަގުތަކީ ޢިލްމީ ވަގުތުތަކަކަށް ހެދުން މުހިންމުކަމުގައެވެ. އަދި ކުރާ މަސައްކަތާއި އުނގެނޭ މާއްދާއަކީ ޝައުޤުވެރިވާ ކަންކަމަށް ވާންވާނެކަމަށްވެސް ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައިވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ ސާނަވީ އާއި މަތީ ސާނަވީން ރާއްޖޭގެ ގަދަ ދިހައެއް އަދި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ގިނަ ދަރިވަރުންނަކީވެސް އަހުމަދިއްޔާ އިންޓާރނޭޝަނަލް ސްކޫލުން ތަޢުލީމް ހާސިލްކޮށްފައިވާ ދަރިވަރުންނެވެ. މިރަސްމިއްޔާތުގައި އެދަރިވަރުންގެ އަގުވަޒަަންކޮށް ޓްރޮފީއާއި ހަނދާނީ ލިޔުންދީފައިވެއެވެ. އަދި އެދަރިވަރުންނަށް ކިޔަވައިދެއްވި ޓީޗަރުންގެ ބުރަމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެކި އެކި ޑިޕާޓްމަންޓްގެ ޓީޗަރުންނަށްވެސް މިރަސްމިއްޔާތުގައި އިނާމްދީފައިވެއެވެ.
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއަކީ ގިނަ ކާމިއާބީ ތަކެއް ހޯދަމުން އަންނަ ރާއްޖޭގެ މަޝްހޫރު ސްކޫލެކެވެ. ކިޔެވުމާއި، އިތުރު ހަރަކާތްތަކުގައިވެސް އެސްކޫލުން އަންނަނީ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބީތައް ޙާސިލްކުރަމުންނެވެ.