ޚަބަރު

އަފްޣާނިސްތާނުގެ އިންތިޚާބުގައި ވޯޓުލުމުގެ މުއްދަތު އިތުރުކޮށްފި


އަފްޣާނިސްތާނުގެ ބަރުލަމާނީ އިންތިޚާބުގައި ވޯޓުލާ މުއްދަތު އާދީއްތަ ދުވަހަށް ނިޔަލަށް އިތުރުކޮށްފިއެވެ. މުއްދަތު އިތުރުކުރީ ފަންނީ އަދި އިދާރީ މައްސަލަތަކެއް ފެންމަތިވުމުގެ ސަބަބުން ވޯޓުލުމުގެ ކަންތައް ކުރިޔަށްނުދިޔަ މަރުކަޒުތަކަށް އެކަނި ކަމަށާ ވޯޓުލާ އެހެން މަރުކަޒުތައް ކުރިން ކަނޑައަޅާފައިވާ މުއްދަތަށް ބަންދުކުރާނެކަމަށް އަފްޣާން އިލެކްޝަން ކޮމިޝަނަރ އަބްދުލްބަދީއު ސައްޔާދު ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ އިންތިޚާބުގައި ވޯޓުލުން ހޮނިހިރު ދުވަހު ހެނދުނު ފަށާފައިވީނަމަވެސް ވޯޓުފޮއްޓާ ހަވާލުވެތިއްބެވި މަސްއޫލުވެރިން ބައެއް މަރުކަޒުތަކަށް ވަޑައިގެންނެވުން މާބޮޑަށް ލަސްވުމާއި، ވޯޓުލާމީހުންގެ ނަންތައް ލިސްޓުގައި ނެތުންފަދަ ގިނަ މައްސަލަތަކެއް ބައެއް ފޮށިތަކަށް ކުރިމަތިވުމުން އެ މަރުކަޒުތަކުގައި ވޯޓުލުން ހޮނިހިރުދުވަހު ހަވީރުވެސް ފެށިފައެއް ނުވެއެވެ.

ވޯޓުލުމަށްޓަކައި އަފްޣާނިސްތާނުގައި 8.8 މިލިޔަން މީހުން ރަޖިސްޓްރީކޮށްފައިވާއިރު މި ރަޖިސްޓްރީގެ ސައްހަ ކަމާމެދުވެސްވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އެ ގޮތުން، ވޯޓުލުމަށްޓަކައި 7355 މަރުކަޒު ގާއިމްކުރުމަށް ރާވާފައިވީ ނަމަވެސް ސަލާމަތީ ސަބަބުތަކާ ގުޅިގެން ވޯޓުލެވޭނީ 5100 މަރުކަޒަށްކަން އަފްޣާން މަސްއޫލުވެރިން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ވޯޓުލާ އާންމުންނަށް ހަމަލާދޭނެކަމުގެ އިންޒާރުތައް ތާލިބާނުން ދީފައިވާތީ ވޯޓުލާ ފަރާތްތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށް ރިޕޯޓްތައް ބުނެއެވެ.