ޚަބަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018ގެ ބިބްސްތައް ޙަވާލުކުރަން ފަށައިފި


ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ޙަރަކާތްކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018" ގެ ބިބްސްތައް ބައިވެރިންނާއި ޙާވާލުކުރަން ފަށައިފިއެވެ. "ބިބް އެކްސްޕޯ"ގެ ނަމުގައި ދިރާގު ހެޑް އޮފީހުގައި މި ޙަރަކާތް ފެށީ މިއަދު ހެނދުނު ދިހައެއް ޖެހިއިރުގައެވެ.

"ބިބް އެކްސްޕޯ"ގައި ކޮންމެ ބައިވެރިއަކަށް ބިބްސް ކޮޅާއި ދުވުމަށް ޚާއްޞަ ދަބަހެއްގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާޓެއް ދިނެވެ. މިއިން ކޮންމެ ޓީޝާޓެއް ދިރާގުން ސަތޭކަ ރުފިއާއަށް ވިއްކާއިރު ދިރާގުން ބުނީ މި ޓީޝާޓުތައް ވިއްކުމަށްފަހު ލިބޭ ފައިސާ ރޯޑް ރޭސްގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިރާގުގެ މާރކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓިވް، މުޙައްމަދު ހިސާނު ވިދާޅުވީ މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެގެންދާނީ އެއްވެސް ގޮތަކައް ޕްލާސްޓިކުގެ ބޭނުން ނުކުރާ އިވެންޓަކަށް ކަމަށެވެ. ހިސާން ވިދާޅުވީ ޕްލާސްޓިކުގެ ބޭނުންކުރާ މިންވަރު މަދުކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭކަމެއް ކަމަށާއި މިފަހަރުގެ ދިރާގު ރޯޑް ރޭހުން ނަމޫނާ ދައްކާނެކަމަށެވެ.

"މި އިވެންޓަކީ %100 ޕްލާސްޓިކް ފްރީ އިވެންޓެއް. އޭގެ މާނައަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޑިސްކަރޭޖްކުރަމޭ ސިންގަލް ޔޫސް ޕްލާސްޓިކްއަށް. ޕްލާސްޓިކް ފްރީ އިވެންޓަކަށް މި އިވެޏްޓް ހެދުމަށްޓަކައި އަޅުގަނޑުމެން މިދިޔަ އަހަރު ވަނީ މަސައްކަތް ފަށާފަ. އެގޮތުން އަޅުގަނޑުމެންގެ ކިލޯ މީޓަރ ވޯޓަރ ސްޓޭޝަންތަކުގައި އަޅުގަނޑުމެން ބަހައްޓާފައި ހުންނާނީ ކަރުދާސް ތަށި. އޭގެ މާނައަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް އެންކަރޭޖް ނުކުރަމޭ ސިންގަލް ޔޫސް ޕްލާސްޓިކަށް." މުހައްމަދު ހިސާނު ވިދާޅުވިއެވެ.

ބިބްސް ދޫކުރުމުގެ މި ޙަރާކަތް މިއަދާއި މާދަމާގެ ހެނދުނު ދިހައަކުން މެންދުރު ބާރައަށް އަދި މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު އަށަކުން ދިހައަކަށްވެސް ކުރިއަށް ދާނެކަމަށް ދިރާގުން ބުނެއެވެ. އަދި މިދުވަސްތަކުގައި ބިބްސް ބަލައި ނުގަންނަ ފަރާތްތަކަށް ފަހުން ބިބްސްތައް ދޫކުރުމަށް ހުޅުވާލާނެކަމަށްވެސް ދިރާގުން މަޢުލޫމާތުދެއެވެ. މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމަށް ދިރާގުން 4000 ޖާގާ ހުޅުވާލިއިރު 48 ގަޑިއިރުތެރޭ އެހުރިހާ ޖާގަ ފުރިފައިވާކަމަށް ދިރާގުން ބުނެއެވެ.

މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮންނާނި ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައެވެ.
ދިރާގު ރޯޑްރޭހަކީ ދުޅަހެޔޮކަމާއި، ޢާއިލީ ގުޅުމާއި ރަޙުމަތްތެރިކަން އާލާކުރުމުގެ މަޤުޞަދުގައި ދިރާގުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަހަރީ ޙަރަކާތެކެވެ. މި ޙަރަކާތް ދިރާގުން ކުރިއަށްގެންދާ މިއީ 12 ވަނަ އަހަރެވެ.