ޚަބަރު

ދިވެހި ޤައުމަށާއި ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި ޕީޕީއެމުން އެއްބާރުލުންދޭނެ- ޖަމީލު އުސްމާނު


ދިވެހި ޤައުމަށާއި ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި، އާ ސަރުކާރަށް ޕީޕީއެމްއިން އެހީތެރިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޖަމީލު އުސްމާނު ވިދާޅުވީ އާ ސަރުކާރުން ޤައުމު ހިންގުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ޕީޕީއެމްގެ އެއްބާރުލުން ލިބޭނެކަމަށެވެ. އެގޮތުން، ރައީސް ޔާމީންގެ ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓަކަށް، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީން ވޯޓު ދީފައި ނުވިނަމަވެސް، އާ ސަރުކާރުން ހުށަހަޅާ، ބަޖެޓްތައް ފާސްކުރުމަށް ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި އާ ސަރުކާރުން، އިސްލާމް ދީނާއި ދިވެހި ޤައުމާއި ރައްޔިތުންނަށް ނޭދެވޭ އަސަރެއް ކުރާފަދަ ކަމެއް ކުރާނަމަ، ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެކަންކަމާ ދެކޮޅަށް ޕީޕީއެމުން ނުކުންނާނެކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. އެގޮތުން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ފައިދާ ވާ ކޮންމެ ކަމެއްގައި ސަރުކާރަށް އެހީތެރިވެ، އިސްލާމް ދީނާއި ޤައުމު ހިމާޔާތް ކުރުމަށްޓާކައި އަބަދުވެސް ޕީޕީއެމުން މަސައްކަތް ކުރާނެކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ، ކުރިންވެސް ޕީޕީއެމުން ބުނެފައިވާގޮތަށް، ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޙުކުމް ކޮންމެ ގޮތަކަށް އިއްވި ނަމަވެސް އެކަން އެ ޕާޓީން ޤަބޫލުކުރާނެކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ދިމާވި މައްސަލަތައް ބަލާ ތަޙްޤީގުކުރެވިއްޖެނަމަ މުސްތަޤްބަލުގައި ބާއްވާ އިންތިޚާބްތަކުގައި މިފަދަ މައްސަލަތައް ދިމާވުން މަދުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.