ޚަބަރު

ފުރަތަމަ އެހީ ދިނުމަށް ޙަރަކާތްތެރިވާ ފަރާތްތައް އަހުލުވެރިކުރުމަށް ލ. އަތޮޅުގައި މަސައްކަތުބައްދަލުވުމެއް ކުރިއަށް ގެންގޮސްފި


ފުރަތަމަ އެހީ ދިނުމަށް ޙަރަކާތްތެރިވާ ފަރާތްތައް އަހުލުވެރިކުރުމަށް ލ. އަތޮޅުގައި މަސައްކަތުބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

"ޕެރަމެޑިކްސް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ނަމުގައި ލ.ގަމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ ފަރުވާދޭ ތަންތަނާއި، އައިޖީއެމްއެޗާއި އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުން ޖުމްލަ 25 ބައިވެރިން ބައިވެރިވެފައިވެއެވެ.

ދެ ހަފްތާއަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުރަތަމަ އެހީ ދޭއިރު، ބަލިމީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް ދެނެގަތުމާއި، ބަލިމީހާ ހޮސްޕިޓަލަށް ގެންދެވެންދެން ދެވޭނެ ފަރުވާތައް ކިޔައިދިނުމާއި، އެފަދަ ޙާލަތްތަކުގައި ޕްރޮފެޝަނަލް ގޮތެއްގައި މުޢާމަލާތްކުރަން ދަސްކޮށްދިނުންފަދަ ކަންކަން ވަނީ ކިޔައިދީފައެވެ.

މީގެއިތުރުން ކްލިނިކަލް ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ކަންކަން ނިންމާނެގޮތާއި، އެކަމުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ބައިވެރިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސްވަނީ މަޢުލޫމާތުދީފައެވެ. އަދި މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް، މިފަދަ ޙާލަތްތަކުގައި ފަރުވާ ދިނުމަށް އެހީތެރިވެދޭނެ ގޮތްތައް ކިޔައިދިނުމާއި، އެލައިޑް ހެލްތު ޕްރޮފެޝަނަލުންނާއެކު ޕްރޮފެޝަނަލް ނެޓްވޯކިންނެއް ޤާއިމްކުރުންވެސް މި ޕްރޮގްރާމުގައި ކުރިއަށްގެންގޮސްފައިވެއެވެ.

ލ.ގަމުގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ "އޮސްޓްރޭލިއަން އެއިޑްސް"އިން ކަނޑައަޅާފައިވާ އޮސްޓްރޭލިއާގެ ތަޖުރިބާކާރުންނެވެ.

މިއަހަރުގެ ޖުލައިމަހު މާލޭގައިވެސް މިފަދަ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.