ޚަބަރު

މިނިވަން ނޫސްވެރިކަމެއް އޮތުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް- އިންތިޚާބީ ރައީސް


ރާއްޖޭގައި މިނިވަންކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭނެ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން ބިރުވެރި ދުވަސްވަރެއްގައި ވަނިކޮށް އަމިއްލަފުޅަށް ތަޖުރިބާކުރެވިފައިވާތީ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު އޮތުމަކީ އުއްމީދު ކުރައްވަމުން ދިޔަ ކަމެއް ކަމަށެވެ.

އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ 1984 އިން 1989 އަށް ޓީވީއެމްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނަކީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި "ސަންގު" ނޫހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އާ ގާނޫނުއަސާސީން ނޫސްވެރިކަމަށް މިނިވަންކަން ލިބުނު ކަމަށާއި އޭގެ ނަތީޖާ ފެނުނު ކަމަށް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އިންތިޚާބީ ރައީސް އިބުރާޙީމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރުން ހަދާފައިވާ އަބުރުގެ ގާނޫނު އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޤާނޫނަކީ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަބުރުގެ ޤާނޫނޫ އުވާލުމަކީ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.