ޚަބަރު

އެއްވެސް ސިޔާސީ ޕާޓީއެއް އުވާލަން އީސީން މަޝްވަރާއެއް ނުކުރަން: އަކްރަމް


އިލެކްޝަންސް ކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓީއެއް އުވާލަން މަޝްވަރާކުރަމުން ނުދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުވާލަން އުޅޭކަމަށް ދޭހަވާ ގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު، އެކޮމިޝަނާ ދޭތެރޭ އާންމު ރައްޔިތުން ދެކޭގޮތް ބަދަލުކުރުމަށް ދައްކައިގެން އުޅޭ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުވާލެވޭނެ ގޮތް ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގައި ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެފަރާތަކަށް އެކޮމިޝަނުން އަންގާނެކަމަށް އަކުރަމް ވިދާޅުވިއެވެ.

"ޤާނޫނުގައި އެބަ ބުނޭ ސިޔާސީ ޕާޓީއެއް އުވާލެވޭނީ ކިހިނެއްކަން. އެއާ ޚިލާފަށް އެއްވެސް ޕާޓީއެއް އުވާލަން މަސައްކަތެއް ނުކުރަން. މިފަދަ ވާހަކަތަކަކީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި އީސީއާ ދޭތެރޭ ދެކޭގޮތް ބަދަލުކޮށް ހަލަބޮލިކުރަން ދައްކާ ވާހަކަތަކެއް. މިފަދަ ކަންކަން ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން." އަކުރަމް ވިދާޅުވިއެވެ.

އަކުރަމް މިމޭރުމުން ވިދާޅުވެފައިވާއިރު، ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ޕީޕީއެމް އުވާލުމުގެ މަޝްވަރާ ކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.