ޚަބަރު

އީ.ޕީ.އޭއިން ކޮށްފައިވާ ޖޫރިމާނަ ތަކުގެ ތެރެއިން ލިބެންޖެހޭ 20 މިލިއަން ރުފިޔާ ނުލިބޭ - އޮޑިޓް ރިޕޯޓު


އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީ.ޕީ.އޭއިން ކޮށްފައިވާ އެކި ޖޫރިމާނަ ތަކުގެ ތެރެއިން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި ހުރިކަން އޮޑިޓަރ ޖެނަރަލް ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނަަރަލް ނެރުއްވާފައިވާ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހާމަކުރައްވާފައި ވަނީ ޙިމާޔަތްކޮށްފައިވާ ދޫންޏާއި ވެލާ ހިފާގެންގުޅުމާއި ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމަށްވާ ބ.އަތޮޅު ހަނިފަރު ސަރަޙައްދަށް ދޯންޏެއް އުރުމުގެ ސަބަބުން މިދިޔަ އަހަރު ކޮށްފައިވާ ޖޫރިމަނާއަށްވާ ފައިސާގެ ތެރެއިން ދުއިސައްތަ ތިރީސް ފަސްހާހަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު އެކަނިވެސް ދައުލަތަށް ނުލިބި އެބަހުރިކަމަށެވެ. މިފައިސާއަކީ އިސްތިއުނާފްގެ މަރުޙަލާގައި ވަކިގޮތެއް ނުނިމި ހުރުމުގެސަބަބުން ނުލިބިވާ ފައިސާކަމަށް އޮޑިޓްރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ތިމާވެއްޓަށް ގެއްލުންހުރި ތަފާތު އެކި މައްސަލަ ތަކުގައި ކޮށްފައިވާ ޖޫރިމަނާ ފައިސާގެގޮތުގައި ވިހި މިލިއަން ދުއިސައްތަ ފަންސާސް ދެހާހަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި ވަކި ގޮތެއް ނުނިމި ހުރިކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ.

އިސްތިއުނާފްގެ މަރުޙަލާ ދިގުލައިގެން ދިޔުމުގެ ސަބަބުން ޤާނޫނުން އީ.ޕީ.އޭއަށް ލިބިދޭ ފައިސާ ހޯދުމުގެ ބާރު ހަނިވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލަ ޙައްލުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިފައިސާ ހޯދުމަށް ލާފާދީފައިވާއިރު އިސްތިއުނާފްގެ މަރުޙަލާގައި ގިނަ ދުވަސް ނުވާނެހެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިންކުރުމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީއަށް އޮޑިޓަރ ޖެނަރަލް ވަނީ ލަފާދީފައެވެ.

މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް އެންޑް އެނަރޖީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފުވެފައިވާ އެންމެ މައްސަލައެކެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ކަނޑައަޅާ މިންގަނޑަށްވުރެ އިތުރުވާ ޕްރޮކިއުމަންޓްގެ މަސައްކަތަށް ހުއްދަދޭނީ ނޭޝަނަލް ޓެންޑަރ ބޯޑުންކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވާއިރު އެއާޚިލާފަށް މާލެއަތޮޅު ހުރާގެ ނަރުދަމާ ނިޒާމުގެ ދެވަނަ ފިޔަވަހިގެ މަސައްކަތަށް މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްފައިވާ މައްސަލައެވެ.

މީގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވަށް މިދިޔައަހަރު ލިބިފައިވާ ފައިސާގެ ތެރެއިން ދައުލަތެއްގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ޖަމާކުރަންޖެހޭ ފައިސާ އެކަށީގެންވާ އަވަސް މުއްދަތެއްގައި ޖަމާނުކޮށް ގިނަ މުއްދަތެއްވަންދެން ބަހައްޓާފައިވާކަން ވަނީ ހާމަވެފައެވެ. ހަމައެއާއެކު 2011 ވަނަ އަހަރު ޅ.ކޮމަންޑޫ ފަރަށާއި ދެދުމަށިދޭތެރޭ ނަމަކަށް ކިޔާ ފަރަކަށް އާގުބޯޓަކާއި ބާޖެއް އުރިގެން ލިބުނު ގެއްލުންތަކާ ގުޅިގެން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ނަގަން ކަނޑައަޅާފައިވާ ސަތާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އީ.ޕީ.އޭއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާއިރު މިކަމަށް އޮޑިޓަރުން ހޯދަން ބޭނުންވި އެއްވެސް ލިޔެކިޔުމެއް އޮޑިޓަރުންނަށް ފޯރުކޮށްދީފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބުނެފައެވެ.