ޚަބަރު

ރައީސް ޔާމީނާއެކު ޤައުމަށް ޚިދުމަތް ކުރެވުނީތީ ފަޚުރުވެރިވަން - ޑރ.ޝައިނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޤައުމާއި ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެއްވުނީތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި ޤައުމު ދޫކުރައްވައި ފިއްލަވަން ޖެހޭ ސަބަބެއް ނެތްކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ.މުޙައްމަދު ޝައިނީ މިހެން ވިދާޅުވެފައި މިވަނީ ޢާއިލާއާއެކު ސްރީލަންކާއަށް ވަޑައިގެންނެވުމުން އެބޭފުޅާ ރާއްޖެ ދޫކޮށް ފިއްލެވީކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަޑު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ ޑރ.ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޓީމާއެކު ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދެއްވުނީތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ދިވެހި ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހާސިލް ކުރެވުނު ކަންތައްތަކާމެދު އުފާ ކުރައްވާ ކަމަށެވެ.

އެހެން ކަމުން ޤައުމު ދޫކުރައްވާ ފިއްލަވަން ޖެހޭ އެއްވެސްސަބަބެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޑރ.ޝައިނީ ރާއްޖެ ދޫކޮށް ފިއްލެވީކަމަށް ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާފައިވަނީ އެބޭފުޅާގެ ޢާއިލާގެ ބައެއް މެމްބަރުންނާއެކު އަންގާރަ ދުވަހު ސްރީލަންކާއަށް ވަޑައިގެންނެވުމުންނެވެ.