ޚަބަރު

ވިލާ ކޮލެޖު ޔުނިވަރސިޓީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން - ޑރ.އަންވަރު


ވިލާ ކޮލެޖު ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށްޓކައި ހަޔަރ އެޑިއުކޭޝަނާ ގުޅިގެން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާ، އަމާޒަކީ ޔުނިވަރސިޓީއަކަށް ބަދަލުވުމާއެކު ޕީ.އެޗް.ޑީ ފެންވަރަށް ކިޔަވައިދޭން ފެށުންކަމަށް ވިލާކޮލެޖުގެ ރެކްޓަރ ޑރ.އަހްމަދު އަންވަރު ވިދާޅުވެއްޖެއެވެ.

ވިލާކޮލެޖަށް 11އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.އަޙްމަދު އަންވަރް ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާކަމަށެވެ. ޑރ.އަޙްމަދު އަންވަރު ވިދާޅުވީ ވިލާކޮލެޖުން ޑިގްރީއާއި މާސްޓަރސް ފެންވަރަށް އަތޮޅުތަކުގައި ކިޔަވައިދޭން ފެށުމަކީ ތަޢުލީމީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ވިލާކޮލެޖަކީ ރާއްޖޭގައާއި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ކޮލެޖަކަށް ހެދުމަށް ދުނިޔޭގެ ކޮލިޓީ ވަޒަންކުރާ ޖަމްޢިއްޔާތަކުގެ މެންބަރުންނަށް ވަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވިލާކޮލެޖުގެ 11ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބް ވިދާޅުވީ، ވިލާކޮލެޖުގެ ކިޔެވުން 2007ވަނަ އަހަރު ފެށީ އެންމެ ކޯހަކާއި 20 ދަރިވަރުންނާއި އެކުކަމަށެވެ.

އަތޮޅުތަކުގައި ވިލާކޮލެޖުގެ 6 ކެމްޕަހާއި، 14 ލަރނިންގ ސެންޓަރު ޤާއިމުކޮށް މިހާރުވެސް ގެންދަނީ ކިޔަވައިދެމުންނެވެ. އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައިވަނީ، ވިލާ ކޮލެޖުގެ ސްޓާފުންގެތެރެއިން ރިސަރޗް ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ސްޓާފުންނަށް ޚާއްސަ ގްރާންޓް ސްކީމެއް ވަނީ ތާޢާރަފްކޮށްފައެވެ. މިސްކީމަށް ހޮވޭ ފަރާތްތަކަށް ފަންސާސް ހާހާއި، އެއްލައްކަ ރުފިޔާއާއި ދެމެދުގެ ފައިސާގެ އެހީ ދިނުމަށްވަނީ ނިންމާފައެވެ.