ޚަބަރު

ދީނާ ޚިލާފު ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފި


އިސްލާމްދީނަށް ފުރައްސާރަކުރުން ޢާންމުވެ، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތާއި ކަރާމާތް ގެއްލިގެން ހިނގައިދާނެކަމުގެ ބިރައްޓަކައި، ދީނާ ޚިލާފު ޢަމަލުތަކުން ދުރުހެލިވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތް اللهގެ މަތިވެރި ޒާތުޕުޅަށާއި އިސްލާމް ދީނަށާއި އަދި ރަސޫލުބޭކަލުންނަށް ހަޖޫޖަހައި މަލާމާތް ކުރުމާއި ޢާއިލީ ގުޅުންތައް ކެނޑިގެން ހިނގައިދާނެ ފަދަ ކަންކަން ކުރުން މިހާރު ވަރަށް ޢާންމުވެފައިވާކަމަށް އެމިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތަށް ބުރޫއަރައި، ދިވެހިރާއްޖޭގައި އިސްލާމްދީންނޫން އެހެނިހެން ދީންތަކަށް އަޅުކަން ކުރުމަށް ހިތްވަރުދީ ބާރުއެޅިގެންދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމްދީނަށް ހަޖޫޖަހައި މަލާމާތްކުރުން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ކަންކަމާ ދުރުހެލިވެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ތިބުމަށް ދިވެހި ރައްޔިތުންނާއި މުއައްސަސާތަކާއި އެކި މީޑިއާތަށް މަސައްކަތްކުރުމަށް އިސްލާމިކް މިނިސްޓްރިން ވަނީ އިލްތިމާސްކޮށްފައެވެ.