ޚަބަރު

ރިހި މެޑަލް ހޯދި އެމްއެންޑީއެފްގެ ޕޭސަސް ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި


ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ޕޭސަސް މުބާރާތުން ރިހި މެޑަލް ހޯދި ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާ ކިޔައިފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް، ޕޭސަސް މުބާރާތުން ރިހި މެޑަލް ހޯދި ޓީމު ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެޓީމަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމާއި ސިފައިން އިސް އޮފިސަރުންނެވެ.

ޕޭސަސް ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވަނީ ޕޭސަސް ޓީމުގެ މެމްބަރުންނާއި ބައްދަލުކުރައްވާ، ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ، ޝުކުރު އަދާކުރައްވާފައެވެ.

މުބާރާތާ ބެހޭގޮތުން ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މިއީ އެމްއެންޑީއެފް ޕޭސަސް ޓީމުން ހޯދި ބޮޑު ކާމިޔާބީއެއްކަމަށާއި ކުރިއަށް ހުރި މުބާރާތްތަކުގައި ރަން މެޑަލް ހޯދުމަށް މިކާމިޔާބީން ހިތްވަރު ލިބިގެން ހިނގައްޖެކަމަށެވެ.

އޮކްޓޯބަރުމަހުގެ އަށަކުން ސާދައަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދިޔަ މުބާރާތުގައި 19 ޤައުމަކުން ބައިވެރިވިއިރު، އެމްއެންޑީއެފުން ބައިވެރިވީ ސިފައިންގެ 9 ބޭކަލުންގެ މައްޗަށް ހިމެނޭ ޓީމެކެވެ.

ފިޒިކަލް ގިނަ ހަރަކާތްތަކަކާއެކު ކުރިއަށްދިޔަ މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓް އަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ހިމެނުނުއިރު، ބަޑިޖެހުމާއެކު ކުރިއަށްދިޔަ ކޮމްބެޓް އެފިޝެންސީ ޓެސްޓްވެސް އޮތެވެ.

އިންޑިވިޖުއަލް އަދި ޓީމު އިވެންޓެއްގެ ގޮތުގައި ކުރިއަށްދިޔަ މުބާރާތުގައި އެންމެ މޮޅު ތިން ޓީމާއި މުބާރާތުގައި ބައިވެރިވާ ހުރިހާ ސިފައިންގެ ތެރެއިން އެންމެ "ފިޓެސްޓް އޮފް ދަ ފިޓް" ގެ މަޤާމު ހޮވާފައިވެއެވެ. މުބާރާތުން ރާއްޖެ ރިހި މެޑަލް ހޯދާފައިވާއިރު މިނީ މެރަތަންއިން ކޯޕްރަލް ޙުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯއްދަވާފައެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމަކުން ވިލަރެސްކުރި މި މުބާރާތަކީ، ސަރަހައްދީ ޤައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މިއީ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ދެވަނަ ފަހަރުކަމަށްވާއިރު 2016 ވަނަ އަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.