ޚަބަރު

އެސްޓީއޯގެ ކްރެޑިޓް ސްކީމަށް ބަދަލު ގެންނަނީ


އަންނަމަހުން ފެށިގެން އެސްޓީއޯގެ ކްރެޑިޓް ސްކީމަށް ފައިސާދެއްކުމާއި ޖޫރިމަނާކުރުމުގެ އުސޫލުތައް ބަދަލުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ ކްރެޑިޓް ސްކީމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކްރެޑިޓަށް މުދާ ނެގުމަށް ހުށަހަޅާ ފަރާތުގެ ގެރެންޓާގެ ގޮތުގައި ހުށަހަޅާ ފަރާތުން އެސްޓީއޯއަށް އެއްވެސް ފައިސާއެއް ދައްކަންޖެހިފައި އޮތްނަމަ، ހަތް ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުން ހިމެނެއެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ކްރެޑިޓަށް މުދާ ހޯދުމަށް ހުށަހަޅާ ފަރާތުގެ ފޯމް ބާތިލުވާނޭކަމަށް އެސްޓީއޯއިން ބުނެއެވެ. ނަމަވެސް ފައިސާ ދައްކާ ހަލާސްކުރުމުން އަލުން ފޯމް ހުށަހެޅޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ކްރެޑިޓް ސްކީމަށް ގެނައި އެހެން ބައެއް ބަދަލުތަކުގެ ތެރޭގައި މުދާނަގާ ފަރާތުން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތްވާ ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ އަދާކުރަމުންދާ ވަޒީފާ ބަދަލުވެއްޖެނަމަ އެކަން އެސްޓީއޯއަށް އަންގަންޖެހޭގޮތަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދައްކައިފިނަމަ، ފައިސާ ނުދައްކާ އިތުރުވާ ކޮންމެ ދުވަހަކަށް ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތައިގެ ޖޫރިމަނާއެއް އަރާނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ކްރެޑިޓް ސްކީމަކީ ދައުލަތުގެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާދެއްކޭ ގޮތަށް އެސްޓީއޯއިން ކްރެޑިޓަށް މުދާ ދޫކުރާ ސްކީމެކެވެ. އެސްޓީއޯއިން ކްރެޑިޓަށް މުދާ ދޫކުރަނީ ވަޒީފާގައި އުޅޭތާ އެންމެ މަދުވެގެން ހަ މަސްދުވަސް ވެފައިވާ ދާއިމީ މުވައްޒަފުންނަށެވެ.