ޚަބަރު

މޯލްޑިވްސް ބޯޓިން އެވޯޑަށް ނަންހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް ބޯޓިން އެވޯޑްސް 2018 އަށް ނަން ނޮމިނޭޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ބޯޓިން އެވޯޑަށް އަންނަ މަހުގެ 5 ގެ ކުރިން ނޮމިނޭޓްކުރެވޭނެކަމަށް ލިވަބޯޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ލިވްއަބޯޑްތަކަށް ޚާއްޞަކޮށްގެންދޭ އެވޯޑެކެވެ.
މިއަހަރުގެ ބޯޓިން އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 26 ދާއިރާއަކުންކަމަށް މި އެވޯޑް އިންތިޒާމްކުރާ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެއެވެ.

އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ފަނޑިޔާރުންގެ މާރކްސްއާއި އޮންލައިން ވޯޓިން އަދި އެސްއެމްއެސްއިން ލިބޭ މާރކްސްއަށް ބަލައިގެންނެވެ. ވޯޓުލުމުގެ ފުރުޞަތު ނޮވެމްބަރ 5 އިން ޑިސެމްބަރ މަހުގެ 5 ގެ ނިޔަލަށް ހުޅުވާލާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މި އެވޯޑަށް ވާދަކުރާ ފަރާތްތަކަކީ ލޭމްގެ މެންބަރަކަށް ވާންޖެހޭނެއެވެ.

މިދިޔަ އަހަރުގެ ބޯޓިން އެވޯޑް ތަފާތު 25 ކެޓެގަރީއަކުން 21 ފަރާތަކަށް ދީފައިވެއެވެ. މި އެވޯޑް ޙަފުލާގައި ދިން އެންމެ ޚާއްޞަ އެވޯޑަށް ބަލާއިރު، މިދާއިރާ ކުރިއެރުވުމަށް އެންމެ ފައިދާ ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ، ބޯޓިން ޕާސަނަލިޓީ އޮފް ދި އިޔަރ އެވޯޑް ލިބިފައިވަނީ، އަޙްމަދު ޒުބެއިރު އާދަމަށެވެ.