ޚަބަރު

އެމްއެންޔޫގައި ދިވެހި ބަހުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު


ދިވެހި ބަހުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އެމް.އެންޔޫއިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެންޔޫ) އިން ބުނީ އެޕްލައިޑް ލިންގުއިސްޓިކް ނުވަތަ ދިވެހި ބަހުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ކޯހަށް ކުރިމަތިލެވޭނެކަމަށެވެ. ، މި ޕރޮ އެގޮތުން މި ކޯހުގައި ބައިވެރިވުމަށްޓަކައި ހުށަހަޅަން ޖެހޭ ފޯމުގެ އިތުރުން ސްޓޭޓްމެންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލެއް ހުށަހަޅަން ޖެހޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެޕްލައިޑް ލިންގުއިސްޓިކް ނުވަތަ ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރުމަށްޓަކައި އިޚްތިޔާރީ 7 ބައެއް އެމްއެންޔޫއިން ހުށަހަޅާފައިވެއެވެ. އެއީ މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް، ދެވަނަ ބަހެއް ދަސްކުރުމާއި ތަރައްޤީވުން، ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސް ބޭނުންކުރާގޮތް، ބަހުގެ ސިޔާސަތުތައް ރާވައި ހިންގުން، ބަހުގެ ފެންވަރު ބެލުން، ދިވެހިބަހުގެ ސްޓްރަކްޗަރ އަދި ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުމެވެ.

ތިން އަހަރުގެ މުއްދަތަކަށް ދެމިގެންދާ މިކޯހުގެ ޖާގަ ކަނޑައަޅާނީ ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުން ހުށަހަޅާ ޕްރޮޕޯޒަލަށް ބެލުމަށްފަހުގައި ކަމަށް އެމްއެންޔޫއިން ބުނެއެވެ. ކޯހަށް ކުދިން ނެގުމުގައި ބަލާނެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ބަސް ނުވަތަ ދިވެހި ބަހާއި ގުޅުން ހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 އެއްގެ ސަނަދަކާއި ލެވެލް 7 އެއްގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ލެވެލް 8އެއްގެ ސަނަދެއް ޙާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން ހިމެނެއެވެ. މީގެއިތުރަށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ ކުރިންވެސް ދިވެހި ބަހުގެ ޕީއެޗްޑީ ޕްރޮގުރާމް އެމްނއެޔޫގައި ކުރިޔަށްގެންދެއެވެ. އެހެންނަމަވެސް މިފަހަރުގެ ޕްރޮގުރާމުގެ ތަފާތަކީ، މިފަހަރުގެ ޕްރޮގުރާމުގައި ދަރިވަރަށް ތީސީސްއާއި އެހެނިހެން ލިޔުންތައް ދިވެހި ބަހުން ހުށައެޅުމުގެ ފުރުޞަތު ލިބުންކަމަށް އެމްއެންޔޫއިން ބުނެއެވެ.