މަޢުލޫމާތު ހާމަކުރުމާއި ލިބިގަތުމުގެ ޙާލަތު ރާއްޖޭގައި އަދިވެސް އޮތީ އެންމެ ރަނގަޅު ޙާލަތުގައި ނޫންކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛް ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރަމްގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛް ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ ސަރުކާރުގެ މުޢައްސަސާތަކުން އަދިވެސް ބައެއް މަޢުލޫމާތު ހާމަކުރުމަށް ފަސްޖެހެމުންދާކަމަށެވެ. އަދި މައުލޫމާތު ހާމަކުރުމުގައި ދިވެހި ބަހުން މަޢުލޫމާތު ހާމަކުރުމަށް އިސްކަން ދިނުމަކީ މަޢުލޫމާތު ހާމަކުރުމުގައި ސަމާލުވާންޖެހޭ ކަމަކަށްވާއިރު ބައެއް މުއައްސަސާތަކުން މިކަމަށް ސަމާލުކަން ނުދޭކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ މަޢުލޫމާތު ހާމަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ކޮރަޕްޝަނަށް އޮތް މަގު ބަނދުކުރުންކަމަށެވެ. އަދި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިޔުމަށް ބާރު އަޅާ އެކަން އެގޮތަށް ހިނގާނަމަ، ޤަވާއިދާ ޚިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ކުޑަކުރެވިގެންދާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކުރެވިފައިވާ މަސައްކަތުން ކުރިން މައުލޫމާތު ހާމަކުރުމަށް ފަސްޖެހިފައިވާ އިދާރާތަކުން މިހާރު އެކަން ކުރުމަށް އެއްބާރުލުންދޭން ފަށާފައިވާކަމަށެވެ. އަދި އެކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މިހާރު ބައެއް އިދާރާތަކުން މައުލޫމާތު ވެބްސައިޓުގައި ހާމަކުރަމުންގެންދާކަމަށާއި ނަމަވެސް އެންމެ އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ހާމަނުކުރެވޭކަން ފާހަގަކުރެވިފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް އެންމެ ހިތްހަމައެއް ނުޖެހޭ، މިއަށްވުރެވެސް މިކަން ރަނަގަޅުކުރުމަށް ބޭނުންވޭ. ހާމަކަން ބޮޑުކޮށް ކަންތައްތައް ކުރުމަކީ ޑިމޮކްރަސީއެއްގެ މައިގަނޑު އެއް އަސާސް. މައިގަނޑު 8 އަސާސްގެ ތެރެއިން އެންމެ މުހިއްމު އެއްއަސާސް މިއީ. ހާމަކަން ބޮޑުކޮށް ނުވަތަ އިނގިރޭސިން ބުނާނަމަ ޓްރާންސްޕޭރެންޓުކޮށް ކަންތައްތައްކުރުންއެއީ. އޭގެ ސަބަބުން ނުރަނގަޅު ކަންތައްތަކަށް ހުރި ދޮރުތައް ބަންދުވޭ.އޭގެ ނަތީޖާއަކަށްވާނީ ވަޞީލަތްތައް އިސްރާފުކުރުން ކުޑަވުން، އޭގެ އާޚިރު ނަތީޖާއަކަށްވާނީ އަޅުގަނޑުމެންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ކުރިއެރުންތައް އިތުރުވެގެންދިޔުން. މިއީ އެންމެނަށްވެސް ފައިދާ ހުރިކަމެއް." އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވިއެވެ.
ޢަބްދުލް އަޒީޒް ޖަމާލު އަބޫބަކުރުގެ ވާހަކަފުޅުގައި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު އެފަރާތްތަކަށް އެނގޭގޮތަށް އެކި ބަސްބަހުން މަޢުލޫމާތު ހާމަކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށްޓަކައި މަޢުލޫމާތުހޯދައި ލިބިގަތުމުގެ ޙައްޤު ނަގަހައްޓައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުޅުވާލެވިފައިވާ ގޮތެއްގައި ހިންގުމަށް ބާރުއެޅުމަށްޓަކައި އުފައްދަވައިފައިވާ މިނިވަން މުއައްސަސާއެކެވެ.