ޚަބަރު

ޔަމަންގެ ބޮޑުވަޒީރު މަޤާމުން ވަކިކޮށްފި


ޔަމަނަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އެ ޤައުމުގެ ބޮޑުވަޒީރު ކަމަށް ވިދާޅުވެ ޔަމަނުގެ ރައީސް ޢަބްދުއްރައްބޫ މަންސޫރު ހާދީ، އެ ޤައުމުގެ ބޮޑުވަޒީރު މަޤާމުން ވަކިކުރައްވައިފިއެވެ.

ޔަމަނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމަނުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި އަހްމަދް ބިން ދަޣާރް މަޤާމުން ވަކިކުރައްވާ އެ މަޤާމަށް މަޢީން ޢަބްދުލްމާލިކް ސަޢީދު ހަމަޖައްސަވާފައިވާކަމަށެވެ. އަދި އަހްމަދާ ދެކޮޅަށް މަޤާމުގެ މަސްއޫލިއްޔަތުތަކަށް ފަރުވާކުޑަ ކުރިކަމުގެ ތުހުމަތުތަކުގައި ތަހްޤީޤެއް ހިންގޭނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ބޮޑުވަޒީރު ވަނީ، ސަރުކާރުގެ އިދާރީ އަދި އިޤްތިޞާދީ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމުގައި ފަރުވާކުޑަކުރައްވާފައި ކަމަށާއި، މަޤާމުން ވަކިކުރައްވާފައިވަނީ މި ސަބަބަށްޓަކައިކަމަށް، މި ބަޔާނުގައި ބުނެފައިވެއެވެ.

ޔަމަނަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ފަޤީރު އެއް ޤައުމެވެ. އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ބާވީސް މިލިއަން މީހުން ވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ. މީގެ ތެރެއިން އަށެއް ޕޮއިންޓް ހަތަރެއް މިލިއަން މީހުންނަށް، ބަނޑުހައިހޫނުކަމުގެ ތަހައްމަކލުކުރަންޖެހިދާނޭކަމުގެ ބިރު ވަނީ އުފެދިފައެވެ.