ޚަބަރު

މާފަރު އެއަރޕޯޓަށް މިއަހަރުގެ ފަހުކޮޅު ޝެޑިއުލް ދަތުރުތައް ފަށަނީ


ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަހަރުގެ ފަހުކޮޅު ޝެޑިއުލް ފްލައިޓްތައް ޖައްސަން ފަށާނެކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފިއެވެ. އެހެންނަމަވެސް ސެޑިއުލް ދަތުރުތައް ފަށާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވާކަމަށް އެކުންފުނިން ބުނެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ބުނީ މާފަރު އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށެވެ.

ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފެށުމުގެ ގޮތުން، ނ.މާފަރު އެއަރޕޯޓަށް އެމިރޭޓްސްގެ ޓެސްޓް ފްލައިޓެއް ދާދިފަހުން ވަނީ ޖައްސާފައެވެ. މާފަރު އެއާޕޯޓަކީ އެއަރބަސް އޭ- 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ވަރަށް ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓެކެވެ. މި އެއަރޕޯޓުގެ ދިގުމިނުގައި ހުންނަނީ 2200 މީޓަރެވެ. އަދި ފުޅާމިނުގައި ހުންނަނީ 40 މީޓަރެވެ.

މި އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓެކެވެ.