ޚަބަރު

އެއްވެސް ޤައުމެއްގެ މިނިވަންކަމާ ސިޔާދަތައް ބުރޫ އަރާފަދަ ޢަަމަލެއް ހިންގަން ރާއްޖެއިން ދެކޮޅު - ދިވެހި ސަރުކާރު


އެއްވެސް ޤައުމެއްގެ މިނިވަންކަމާ ސިޔާދަތައް ބުރޫ އަރާފަދަ ޢަަމަލެއް ހިންގަން ރާއްޖެއިން ދެކޮޅު ކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަކުރައްވާ މިނިސްްޓްރީ އޮފް ފޮރިން އެފެއަރޒުން ޢާއްމުކޮށްފައިވާ ބަޔާނުގަވަނީ، ޤައުމެއްގެ ދާޚިލީ ކަންކަމަށް ބުރޫ އަރާގޮތައް، ސިޔާސީ މަޤުޞަދެއް ޙާޞިލުކުުރުމަށްޓަކައި، ސިޔާސީ ގޮތުން ފިއްތުއްތައް ކުރިމަތިކޮށްގެން ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބިރުދެއްކުން ފަދަ ޢަމަލު ތަކަކީ ދިވެހި ސަރުކާރުން މުޅިން ދެކޮޅު ހަދާ ޢަމަލުތަކެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ މިބަޔާނުގައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ތާޢީދުކުރާކަން ހާމަކޮށްފައެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާއިން ކަންކަން ތަންފީޒުކުރަމުންދަނީ ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކުގައި ބަޔާކޮށްފައިވާ ގޮތައް ޤާނޫނާއި ޤަވާއިދާ އެއްގޮތައްކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތްކަމަށް ބަޔާނުގައިވެއެވެ. އަދި މުޅި ޞަރަޙައްދުގެ ސަލަމަތާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން އަދާކުރަމުންދާ ދައުރު ދިވެހި ސަރުކާރުން ފާހަގަކޮށް، ޝުކުރު އަދާކުރާކަމަށްވެސް މިބަޔާނުގަވެއެވެ.

މިމަހުގެ ސާދަ ވަނަ ދުވަހު ސައުދީ ސަރުކާރުން ޢާއްމުކޮށްފައިވާ ބަޔާނުގައި ވަނީ ސަޢުދީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ޞަރަޙައްދާއި މުޅި ދުނިޔޭގެ ޞުލްޙަ މަޞްލަޙަތު ހިމާޔަތްކުރަންކަމަށެވެ. ޚާއްޞަކޮށް ދުނިޔެއަށް ކުރިމަތިވެފައިވާ ހައްދަުފަހަނައަޅާދިއުމާއި ޓެރަރިޒަމްގެ ނުރައްކަލުން ޞަރަޙައްދު ސަލަމަތްކުރުމަށް ސައުދީން އަދާކުރަމުންދާ ދައުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއްވެސް ޤައުމަކަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކޮށް، އިޤްތިޞާދީ ފިޔަވަޅު އެޅުމަކީ ސައުދީ ސަރުކާރުން ހިތްވަރުދޭ ކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ. އަދި ސަޢުދީއަރަބިއްޔާއަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އެއަށްވުރެ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ސައުދީ ޢަރަބިއްޔާއިން ވަނީ ދީފައެވެ.