ޚަބަރު

އީޕީއޭއިން އެމްޑަބްލިއުއެސްސީއާއި ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި


ޤަވައިދާ ޙިލާފަށް ބިމުން ފެންނަގައި ފެން ބޭރުކޮށްފައިވާތީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއާއި ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ހަވީރީ ހިނގުން ސަރަޙައްދުގެ ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ހުއްދައަށްއެދި އެމްޑަބްލިއުއެސްސީން އެ އެޖެންސީއަށް ހުށައަޅާފައިނުވާކަމަށެވެ. އަދި އެކުންފުނިން އީޕީއޭގެ ހުއްދައަކާ ނުލައި މިއަހަރުގެ ޖުލައިމަހުގެ 11 ވަނަ ދުވަހާއި 16 ވަނަ ދުވަހު އެ ސަރަހައްދުގެ ބިމުންފެންނަގައި ފެން ބޭރުކޮށްފައިވާކަމަށެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީން ޤަވާއިދާ ޚިލާފުވެފައިވާތީ އެކުންފުނި 55،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އީޕީއޭއިން ބުނީ އެމްޑަބްލިއުއެސްސީ ޖޫރިމަނާކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހު ކަމަށެވެ.

މީގެ އިތުރުން މިދިޔަ ޖުލައިމަހުގެ 10 ވަނަ ދުވަހު، ހައުސިންގ މިނިސްޓްރީ ހުންނަ ކޮމްޕައުންޑުގެ ހުޅަނގު ކަންމައްޗާ ދިމާއިން، ބިމުން ފެންނަގައި ފެން ބޭރުކޮށްފައިވާތީ، ހައުސިންގ މިނިސްޓްރީވެސް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވަކަމަށްވެސް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.